ކުޅިވަރު

ރާއްޖޭގައި އަޅާފައިވާ ނެޓްބޯޅަ ކޯޓަށް ވޯލްޑް ނެޓްބޯޅައިގެ ސަމާލުކަން


ރާއްޖޭގައި އަޅާފައިވާ ބައިނަލްއަޤުވާމީ ފެންވަރުގެ އައުޓްޑޯ ނެޓްބޯޅަ ކޯޓަށް، ނެޓްބޯޅައާބެހޭ މައި އިދާރައިގެ ސަމާލުކަން ހުއްޓިއްޖެއެވެ. މިއީ ރާއްޖޭގައި ބައިނަލްއަޤުވާމީ ފެންވަރަށް އަޅާފައިވާ ފުރަތަމަ ނެޓްބޯލް ކޯޓެވެ. މީގެ ކުރިން މާލޭގައި ނެޓްބޯޅަ ކުޅެފައިވަނީ ސޯޝަލް ސެންޓަރު އިންވެގެން އޮތްބިމުގެ އިތުރުން ސޯޝަލް ސެންޓަރު އިންޑޯ ކޯޓުގައެވެ. މިއީ ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއެކު ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ގުޅިގެން އަޅާފައިވާ ކޯޓެކެވެ.

ރާއްޖޭގައި އަޅާފައިވާ ބައިނަލްއަޤުވާމީ ފެންވަރުގެ އައުޓްޑޯ ނެޓްބޯޅަ ކޯޓުގެ ސަމާލުކަން ވޯލްޑް ނެޓްބޯޅައަށް ލިބުމާއެކު އެޖަމިއްޔާއިންވަނީ އެކަން ފާހަގަކޮށްފައެވެ. އެޖަމިއްޔާގެ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިކޯޓާއެކު ރާއްޖޭގައި ނެޓްބޯޅަ ތަރައްގީ ކުރެވޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށާއި މި ކޯޓުގައި ބައިނަލްއަގުވާމީ މެޗުތަކެއް ކުޅޭތަން ދެކެން ބޭނުންވާ ކަމަށެވެ. ނެޓްބޯޅައާބެހޭ މައި އިދާރާއިން ކުރި ޕޯސްޓާއި ގުޅިގެން ރާއްޖޭގައި ގާއިމްކޮށްފައިވާ މިކޯޓަށް ވަރަށް ބޮޑަށް ތަޢުރީފް ކުރަމުންނެވެ. އަދި ބައެއް ގައުމުތަކުގެ ކުޅުންތެރިން ރާއްޖެ އައިސް މިކޯޓުގައި ކުޅެންބޭނުންވާކަންވެސް ވަނީ ފާހަގަކޮށްފައެވެ. ދުނިޔޭގެ ނެޓްބޯޅަ އިދާރާއިން ކުރި ޕޯސްޓަށް ޖަވާބު ދެއްވަމުން ކުޅިވަރާބެހޭ ވަޒީރު އަޙުމަދު މަހްލޫފް ވިދާޅުވީ މިއީ އަދި ފެށުމެއް ކަމަށާއި، މީގެ އިތުރު ކޯޓުތައް ރާއްޖެތެރޭގައި ވެސް ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިކޯޓުގެ މަސައްކަތް މިހާރުވަނީ ގާތްގަނޑަކަށް ނިމިފައެވެ. މިކޯޓްގެ ސަބް ބޭސްގެ މަސައްކަތް ކޮށްފައިވަނީ އާރުކޭއެލް ގުރޫޕުންނެވެ.