ދީން

360 އަށްވުރެ ގިނަ ބިދޭސީން މިދިޔަ 10 އަހަރުތެރޭ އިސްލާމްވެއްޖެ


ވޭތުވެދިޔަ 10 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގައި ތިންސަތޭކަ ފަސްދޮޅަހަށްވުރެ
ގިނަ ބިދޭސީން އިސްލާމްވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.




އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި އިސްލާމްވި މީހުންގެ ތެރޭގައި
އެންމެ ގިނައިން ހިމެނެނީ، އަންހެނުންކަމަށެވެ.



އިސްލާމްދީނަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެކަމަށް
މަގުފަހިކޮށްދެއްވުނުމުގެ މަސައްކަތަކީ އިސްލާމިކް މިނިސްޓްރީން ވަރަށް
އަހައްމިއްޔަތު ކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން، އިސްލާމްދީނާބެހޭ
މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެފަދަ މަޢުލޫމާތު އެމީހަކަށް އެނގޭ ބަހަކުން
ލިބިދިނުމާއި އިސްލާމް ދީނަށް ވަނުމަށް ބޭނުންވާ އެހީތެރިކަން ލިބިދެއްވުމުގެ
މަސައްކަތްކުރައްވައެވެ. އަދި ދީނީ ގޮތުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަމުންވެސް
ގެންދަވައެވެ.



ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިންސަތޭކަ ފަސްދޮޅަސް ހަ
ބިދޭސީއަކު ވަނީ އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅައިގެން އިސްލާމް ދީން
ޤަބޫލުކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ ދުއިސައްތަ ތޭރަ އަންހެނުންނާއި، ސަތޭކަ
ފަންސާސް ތިން ފިރިހެނުންނެވެ. 



ވޭތުވެދިޔަ 10 އަހަރު ރާއްޖޭގައި އިސްލާމްވި މީހުންގެ ތެރޭގައި ސާޅީސް ނުވަ
ޤައުމެއްގެ މީހުން ހިމެނޭއިރު ރާއްޖޭގައި އެންމެ ގިނައިން އިސްލާމްވެފައިވަނީ
އިންޑިއާ މީހުން ކަމަށް އިސްލާމިކް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.



ރާއްޖޭގައި އިސްލާމްދީން ޤަބޫލުކުރާ މީހުންނަށް އިސްލާމްދީނާބެހޭ މަޢުލޫމާތު
އެކުލެވޭ ފޮތްފަދަ ތަކެތި އިސްލާމިކް މިނިސްޓްރީން ގެންދަވަނީ ހަދިޔާ
ކުރައްވަމުންނެވެ.



އިސްލާމިކް މިނިސްޓަރގެ ނައިބު އައްޝައިޚް އިބްރާހިމް އަޙުމަދު ވިދާޅުވީ
އިސްލާމްދީނަށް ވަންނަ ބިދޭސީންނަށް މަރުޙަބާ ވިދާޅުވުމުގެ ކަންތައްތައް ހަރުދަނާކުރެއްވުމުގެ
މަސައްކަތް އެ މިނިސްޓްރީން ކުރައްވަމުން ގެންދަވާކަމަށެވެ.



އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި، ރާއްޖޭގައި އިސްލާމްދީން
ގަބޫލުކުރާ މީހުންގެ ތެރޭގައި، ޓޫރިސްޓުންގެ ގޮތުގައި ރާއްޖެ އައިސް
އިސްލާމްދީނުގެ މަޢުލޫމާތު ލިބިގެން، އިސްލާމިކް މިނިސްޓްރީއަށް ޒިޔާރަތްކޮށް
އިސްލާމްދީން ޤަބޫލުކުރާ މީހުން ހިމެނެއެވެ. އަދި ރާއްޖޭގައި ތަފާތު އެކި
މަސައްކަތް ކުރަން އައިސްއުޅޭ ބިދޭސީންވެސް ހިމެނެއެވެ. ރާއްޖޭގައި ގިނައިން
އިސްލާމްވެފައިވަނީ ޢުމުރުން ފަންސަވީސް އަހަރާއި ފަންސާސް އަހަރާ ދެމެދުގެ
މީހުންކަމަށް އިސްލާމިކް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.