ސޫރިޔާގެ ފަސް އަހަރުވީ ހަނގުރާމައިގައި މެދު ކެނޑުމެއް ނެތި ހަމަލާތައް ބަދަލުކުރަމުންދާ އިރު ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ދުނިޔެއިން އެކަށިގެންވާ ފަދަ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަން ގިނަ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ސޫރިޔާގެ ހަނގުރާމައާ ބެހޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުން މިހާތަނަށް ފާސްކޮށްފައިވާ އެންމެ ބިނާކުރަނިވި ޤާރާރުގެ ދެލިކޮޕީގައި އެމަޖިލީހުން ވަނީ ސޫރިޔާގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ ޕްލޭނެއް ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި އެކުލަވާލުމަށް އދގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫން އަށް ގޮވާލާފައެވެ. އަދި އަންނަ ޖެނުއަރީގެ ކުރިން ސޫރިޔާގައި ހަމަލާތައް ހުއްޓުމަށް ބާރު އަޅާ އެއްބަސްވުމެއް އެކުލަވާލާ ތަންފީޒުކުރުމަށް ދުނިޔޭގެ ބާރުތަކުން ދަނީ ބާރުއަޅަމުންނެވެ.އަދި މި އެއްބަސްވުމަށް ޢަމަލުކުރުން މޮނިޓަރ ކުރުމުގެ މަސައްކަތް އދގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ވެސް ދުނިޔޭގެ ބާރުތަކުން ބާރު އަޅާފައެވެ. އދން މިކަމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފައިވާއިރު، ހަމަލާތައް ހުއްޓުވުމަށް އެކުލަވާލި އެއްބަސްވުމެއް ތަންފީޒުކުރުމުގެ މަސައްކަތް އދން މީގެ ކުރިންވެސް ކޮށްފައިވެއެވެ. 2012 ވަނަ އަހަރު ސޫރިޔާއަށް އދގެ ޙާއްސަ ވަފުދެއް ފޮނުވައިގެން އެޖަމާޢަތުން ކުރި މަސައްކަތް ނާކާމިބުވިކަން އދ. ން ވެސް ޤަބޫލުކުރާއިރު މިކަމުން ލިބިފައިވާ ފިލާވަޅުތަކަށް ޢަމަލުކުރުމަށް އދން ބޭނުންވާނެއެވެ. ސުލްޙަ ބަލަހައްޓާ ވަފުދުގެ މަސައްކަތްތައް ފެއިލްވީ ހަނގުރާމައިގެ ދެފަރާތުން މި ވަފުދަށް އެއްބާރުލުން ނުދިނުމުން ކަމަށް ވެސް އދން ބުނެއެވެ.އެހެން ނަމަވެސް، 2012 ވަނަ އަހަރާ އަޅާ ބަލާއިރު، ސޫރިޔާގެ ހަނގުރާމައިގެ ހާލަތު މިހާރު މިވަނީ ވަރަށް ބޮޑަށްވެސް ބަދަލުވެފައެވެ. ސަރުކާރަށް ވާގިދޭ ފައުޖުތަކާއި އިދިކޮޅު ހަނގުރާމަވެރިންގެ އިތުރުން ބައިނަލްއަޤްވާމީ ޓެރަރިސްޓް ޖަމާޢަތްތަކުންވެސް ދަނީ ސޫރިޔާގައި ހަނގުރާމަކުރަމުންނެވެ. އެހެންކަމުން، ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރަނީ ސޫރިޔާގައި ހަރަކާތްތެރިވާ ސޫރިޔާގެ ރައްޔިތުންކަމަށާއި މިއީ ވަކި ޔުނިފޯމެއް ލައިގެން ތިބޭނެ ބައެއް ނޫން ކަމަށް އދން ބުނެއެވެ. އަދި މި އެއްބަސްވުން ތަންފިޒުކުރުމުގެ މަސައްކަތް ކުރުމަށް އދގެ ބޮޑު ވަފުދެއް ސޫރިޔާއަށްދާނަމަ މި ވަފުދުގެ ސަލާމަތީ ކަންކަން ބެލުމަށް ސޫރިޔާއަށް އދގެ އިތުރު މުވައްޒިފުން ފޮނުވަން ޖެހޭނެކަމަށްވެސް އދން ވަނީ ބުނެފައެވެ. އދގެ ޙާއްސަ ވަފުދެއް ސޫރިޔާއަށް ނުފޮނުވާ އިންސާނަކާއި ނުލާ އުނދެހޭ އުޅަނދުތައް ބޭނުންކޮށްގެން ހަމަލާތައް ބަދަލުކުރުން ހުއްޓާލުން މޮނިޓަރކުރުމުގެ ވިސްނުމެއް ގެންގުޅޭކަމަށްވެސް އދން ބުނެއެވެ. އދން ވަނީ އެފްރިކާގައި އެޖަމާޢަތުން ހިންގާ ސުލްޙަ ބެލެހެއްޓުމުގެ މަސައްކަތުގައި މި ޓެކްނޮލޮޖީ ބޭނުންކޮށްފައެވެ.