ލަންކާގެ ޔޫތު މިނިސްޓަރ ނަމަލް ރާޖަޕަކްސާ އާއި މިނިސްޓަރ އަހްމަދު މަހްލޫފް ބައްދަލުކުރައްވައިފިއެވެ. މިނިސްޓަރ މަހްލޫފް އާއި ނަމާލަކީ ގާތް ދެ އެކުވެރިން ކަމަށްވާއިރު މިއީ ރަސްމީ ހައިސިއްޔަތުން މި ދެ ބޭފުޅުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، މިހާރު ދެގައުމުގެ މެދުގައި ސޮއި ކުރެވިފައިވާ ޔޫތު އެމްއޯޔޫގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ދެޤައުމު ގުޅިގެން މަސައްކަތް ކުރުމަށް އެމްއޯޔޫ އެއްގައި ސޮއިކުރުމަށް އެއްބަސްވެފައެވެ. މީގެ އިތުރުން މިހާރުން މިހާރަށްވެސް ބައެއްކަންކަން ކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.
މިނިސްޓަރ މަހުލޫފް މިހާރު ލަންކާއަށް ވަޑައިގެން އުޅުއްވަނީ މިހާރު އެގައުމުގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތް ބައްލަވާލެއްވުމަށެވެ. މިނިސްޓަރ މަހުލޫފް އެގައުމުގެ ޔޫތް މިނިސްޓަރ ނަމަލް ރާޖަޕަކްސާ އާއި ބައްދަލުކުރުމުގެ ކުރިންވަނީ އެގައުމުގެ ސްޕޯޓްސް ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ. މިނިސްޓަރ މަހުލޫފް ގެންދަވަނީ ރާއްޖޭގެ ކުޅިވަރަށް އެކިގޮތް ގޮތުން އެހީތެރިންކަން ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.
ލަންކާގެ ޔޫތު މިނިސްޓަރ ނަމަލް ރާޖަޕަކްސާއާއެކު ބޭއްވެވި ބައްދަލުވުމުގައި ވަނީ ލަންކާ ޤައުމީ ވޮލީ ޓީމު ރާއްޖެއައިސް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ނިންމަވާފައެވެ. މިމެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގައެވެ. މީގެ ކުރިންވެސް ލަންކާއިން ވަނީ ރާއްޖެ އައިސް އެކުވެރިކަމުގެ ވޮލީ މެޗުތަކެއް ކުޅެފައެވެ. ލަންކާ ބީޗް ވޮލީ ޓީމް ރާއްޖެއަށް ދަތުރު ކުރުމާއި ރާއްޖޭގެ ސަރފަރުންނާ ލަންކާ ސަރފަރުންނާއެކު ލަންކާގައި ފެސްޓިވަލެއް ބޭއްވުމާއި ދެޤައުމުގެ މެދުގައި ޖުނިއަރ ޓީޓީ މުބާރާތެއް މިއަންނަ ޖެނުއަރީ މަހުގައި ބޭއްވުމަށްވެސް މިބައްދަލުވުމުގައިވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުންވެސް ޔޫތު އެކްސްޗޭންޖް ޕްރޮގްރާމެއްގައި ދިވެހި ޒުވާނުން ލަންކާއަށް ދަތުރެއް ކުރުމާއި ކެންޔާ އަށް ލޯންގް ޑިސްޓެންސް 2 އެތުލީޓުން ފޮނުވަދިނުމާއި ބެހޭގޮތުންވެސް މިބައްދަލުވުމުގައިވަނީ މަޝްވަރާކުރައްވާފައެވެ.