ވިޔަފާރި

ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދޭން މަސައްކަތްކުރައްވާނަން


ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދީ އެތަކެތި އުފައްދާ ފަރާތްތަކަށް ނަފާ ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެކްސްޕޯ މޯލްޑިވްސް ދެހާސް ފަނަރަ ނުވަތަ ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.ގައުމީ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒަކީ ރާއްޖޭގައި އުފައްދާ އަމިއްލަ އުފެއްދުންތަކަށް މާކެޓް ހޯދައިދީ ފަންނުވެރިންގެ ހުނަރު ދެއްކުމަށް ބާއްވާ މައުރަޒެކެވެ. މި އަހަރުގެ މައުރަޒުގައި ބައިވެރިކޮށްފައިވާ ބާވަތްތަކަށް ބަލާއިރު ހުނަރުވެރިކަން ދައްކުވައިދޭ ގިނަ ބާވަތްތަކެއް ފެނިގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވިއެވެ. އަދި މި އެކްސްޕޯއިން ދިވެހި އުފެއްދުންތެރިން އެ މީހުން އުފައްދާ ބާވަތްތައް މާކެޓް ކުރަން ތައްޔާރަށް ތިބިކަން ދޭހަވެގެން ހިނގައްޖެކަމަށް ރައީސް ވިދާޅުވިއެވެ.މައުރަޒުން ފެންނަން ހުރި ބާވަތްތަކަށް ބަލާއިރު މިއީ ރާއްޖޭގެ ބާޒާރުން މާކެޓް ލިބޭނެ ބާވަތްތައްކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ މިކަމަށް ހާއްސަ ޓީމެއް އެކުލަވާލާ ޓުއަރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކާއިއެކު ބައްދަލުކޮށް އެ ސިނާއަތުގައި އެންމެ ހިނގާނެ ބާވަތްތަކެއް ދެނެގަނެ އެ ބާވަތްތަކަށް މާކެޓް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމުގައެވެ.ރާއްޖޭގެ އުފެއްދުންތެރިން އުފައްދާ ބާވަތްތަކަކީ ދާއިމީ ގޮތެއްގައި އުފައްދާ ބާވަތްތަކަކަށް ހަދަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ގަނޑުކޮށް ތަކެތި އުފެއްދޭނެ މަގު އުފެއްދުންތެރިންނަށް ފަހިވާންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ކޮންމެ އަހަރަކު ބާއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ.