ކުޅިވަރު

ސަރަޙައްރުގެ ވަރުގަދަ ބާރު އިންޑިޔާ އަތުން ރާއްޖެ ބަލިވެއްޖެ


ބާސްކެޓްގައި މިސަރައްހަދުގެ ވަރުގަދަ ބާރު އިންޑިޔާ އަތުން ރާއްޖެ ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ. މިހާރު ބަންގްލަދޭޝްގައި ކުރިއަށްދާ 6ވަނަ ސައުތު އޭޝިއަން ބާސްކެޓް ބޯޅަ ޗެންޕިއަންޝިޕްގެ ދެވަނަ މެޗުގައި މިއަދު ރާއްޖެ ވާދަކޮށްފައިވަނީ މިސަރައްޙަދުގެ ވަރުގަދަ ބާރު އަދި މިމުބާރާތުގެވެސް އެންމެ ކާމިޔާބު ޓީމް އިންޑިޔާއާއެވެ. މިމެޗް އިންޑިޔާ ކާމިޔާބުކޮށްފައިވަނީ 88 ޕޮއިންޓް 31 ޕޮއިންޓުންނެވެ.

މެޗް ފެށިގެން ނިމެންދެންވެސް އިންޑިޔާއި ކުޅެފައިވަނީ ލީޑުގައި އޮވެގެންނެވެ. ރާއްޖޭގެ ގައުމީ ބާސްކެޓް ޓީމަށް މިމެޗްގައި މާރަގަނޅު ކުޅުމެއް ދެއްކިފައިނުވާއިރު، ރާއްޖޭގެ ޓީމަށް ސްކޯ ކުރުމަށް ގިނަ އުދަގޫތަކާއި ކުރިމަތިވިއެވެ. މެޗްގެ ފުރަތަމަ ކުއަރޓާ އިންޑިޔާއިން ކާމިޔާބުކޮށްފައިވަނީ 26 ޕޮއިންޓް 4 ޕޮއިންޓުންނެވެ. އިންޑިޔާ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ރާއްޖޭގެ ޓީމުންވަނީ މެޗްގައި ގިނަ ބަދަލްތަކެއްކޮށްފައެވެ. އެގޮތުން ކޯޗް އިލްޔާސް އިބްރާހީމްވަނީ ގިނަ ކުޅުންތެރިންތަކަކަށް ކުޅުމުގެ ފުރުސަތު ދީފައެވެ. މެޗުގެ ދެވަނަ ކުއަޓަރ އިންޑިޔާއިން ކާމިޔާބުކުރީ 54-11 އަދި ތިންވަނަ ކުއަޓަރ އިންޑިޔާއިން ކާމިޔާބުކުރީ 71-22ކުންނެވެ. އަދި މެޗްގެ ހަތަރުވަނަ ކުއަޓަރ އިންޑިޔާއިން ކާމިޔާބުކުރީ 88-31 ޕޮއިންޓުންނެވެ.

މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރަނީ ސްރީލަންކާ އާއި އިންޑިޔާ، މާދަމާގެ ދެވަނަ މެޗްގައި ވާދަކުރާނީ ބަންގްލަދޭޝާއި ދިވެހިރާއްޖެއެވެ. އަދި މިމަހުގެ 18ވަނަ ދުވަހު ރާއްޖެ އާއި ސްރީލަންކާ ވާދަކުރާއިރު، މުބާރާތުގެ ލީގް ބުރުގެ ފަހު މެޗްގައި ވާދަކުރާނީ އިންޑިޔާ އާއި ބަންގްލަދޭޝެވެ. މުބާރާތް ކުރިއަށްދާނީ ލީގް އުސޫލުންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާނެއެވެ.