ދުނިޔެ

ރަޝިޔާއިން ސޫރިޔާއަށް ދޭ ހަމަލާތަކަށް އެމްނެސްޓީން ފާޑުކިޔައިފި


ރަޝިޔާއިން ސޫރިޔާގެ ސަރަހައްދަށް މިހާތަނަށް ދީފައިވާ ހަމަލާތަކުގައި އާއްމުންގެ 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އިންސާނީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ ޖަމްއިއްޔާ - އެމްނެސްޓީ އިންޓަރނޭޝަނަލްއިން ހާމަކޮށްފިއެވެ.އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނެފައިވަނީ، މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރުގެ މަހުގެ 29 ވަނަ ދުވަހަށް ރަޝިޔާގެ އަސްކަރިއްޔާއިން ސޫރިޔާގެ ސަރަހައްދުތަކަށް ވަރުގަދަ 25 ހަމަލާއެއް ދީފައިވާކަމަށެވެ. އެމްނެސްޓީއިން ކުރި ދިރާސާއަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ރަޝިޔާއިން ދެމުންދާ ހަމަލާތަކުގައި ބައިނަލްއަޤްވާމީ އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކަށް ޢަމަލުކުރުމަށް އެ ޤައުމުން ފެއިލްވެފައިވާ ކަމަށެވެ. އަދި ރަޝިޔާގެ ޢަމަލުތަކަކީ، ހަނގުރާމައިގެ ޖަރީމާތަކުގެ ގޮތުގައި ސިފަ ކުރެވޭނެ ކަންތައްތަކެއް ކަމަށް އެމްނެސްޓީއިން ވަނީ ބުނެފައެވެ.ސޫރިޔާގައި ހަރަކާތްތެރިވާ އައި.އެސް. ޖަމާޢަތުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްކަމަށް ބުނެ ރަޝިޔާއިން ހަމަލާތައް ދޭން ފެށީ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ޤައުމުން ސޫރިޔާގައި ހިންގާ އޮޕަރޭޝަންގައި ޢާއްމުން މަރުވަމުންދާކަމަށް ބުނާ ރިޕޯޓްތައް ރަޝިޔާއިން މީގެ ކުރިން ދޮގުކޮށްފައިވެއެވެ.