ކުޅިވަރު

ޕްރިމިއަރ ލީގް ތާވަލްގެ ދެވަނައަށް ލިވަޕޫލް ޖެހިލައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ރޭ ލިވަރޕޫލާއި ސައުތުހެމްޓަން ވާދަކުރި މެޗު ބޮޑު ތަފާތަކުން ލިވަރޕޫލް ކާމިޔާބުކޮށްފިއެވެ. ސައުތުހެމްޓަންގެ މައްޗަށް ލިވަރޕޫލް ކުރި ހޯދީ 4 ލަނޑު ސުންލަނޑުންނެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ލީޑުނެގިއެވެ. އެގޮތުން މެޗު ފެށިތާ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ލިވަރޕޫލުގެ ފުރަތަމަ ލަނޑު އެޓީމަށްމި ޖައިހައިދިނީ އެންޑީ ރޮބަޓްސަން ދިން ބޯޅައަކުން ޑިއޯގޯ ޖޮޓާއެވެ. މިއީ މިފަހަރުގެ ޕްރިމިއަރ ލީގުގައި ލީގުގައި ފެނުނު އެންމެ އަވަސް ގޯލްކަން ފާހަގަކޮށްލެވެއެވެ.

މެޗުގެ 32 ވަނަ މިނިޓްގައި ލިވަޕޫލްގެ ދެ ވަނަ ގޯލު ޖެހީ ވެސް ޖޮޓާއެވެ. ޖޮޓާ މި ގޯލް ޖެހީ މުޙައްމަދު ސަލާހު ހުސްކޮށްފައި ދިން ބޯޅައަކުންނެވެ. ޖޮޓާ ދެވަނަ ގޯލު ޖެހިތާ ފަސް މިނިޓް ފަހުން ލިވަރޕޫލްގެ ތިއާގޯ އަލްކަންޓާރާ ވަނީ ލިވަޕޫލްގެ ތިން ވަނަ ގޯލު ޖަހާފައެވެ. ތިއާގޯ ޖެހި ބޯޅަ ގޯލަށް ވަނީ ސައުތެމްޓަންގެ ކުޅުންތެރިޔާ ލިޔާންކޯ ފައިގައި ޖެހިފައެވެ. ދެ ވަނަ ހާފުގައި ޓްރެންޓް އަލެކްސަންޑަ އާނޯލް ނެގި ކޯނަރަކުން ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ޖެހީ ވާޖިލް ވެން ޑައިކްއެވެ.

ރޭގެ މެޗުގައި ކާމިޔާބު ކުރި ގޯލުތަކާއެކު ލިވަރޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ ކޯޗުކަމުގެ ދަށުން އެޓީމު ޖެހި ގޯލުގެ ޢަދަދު މިވަނީ ހަތްސަތޭކައަށް އަރާފައެވެ. އަދި ރޭގެ މެޗުގައި ލިވަޕޫލް ހަތަރު ލަނޑުގެ ތަފާތުން މޮޅުވިއިރު، ލިވަޕޫލުން ވަނީ އެންމެ ފަހުން ހުރިހާ މުބާރާތެއްގައި ކުޅުނު 17 މެޗުގެ ތެރެއިން ކޮންމެ މެޗެއްގައި މަދުވެގެން ދެ ގޯލު ޖަހައިފައެވެ. އެންމެ ފަހުން އޭގެ ރެކޯޑެއް އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ދެމެހެއްޓީ 1927 ވަނަ އަހަރު ކުޅުނު ސަންޑަލެންޑް ޓީމުންކަން ފާހަގަކޮށްލެވެއެވެ.

ރޭގެ މޮޅާއެކު ލިވަރޕޫލް ވަނީ 13 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ޕްރިމިއަރ ލީގު ތާވަލްގެ ދެވަނައަށް ކުރިޔަށް ޖެހިލާފައެވެ.