ފުލުހުންނަށް
ހުށަހެޅޭ މައްސަލަތަކާ މެދު ސައުވީސްގަޑިއިރު ތެރޭގައި ގޮތެއް ނިންމެވުމަށް ކޮމިޝަނަރ އޮފް ޕޮލިސް، ފުލުހުންނަށް އަންގަވައިފިއެވެ.
ކޮމިޝަނަރ އޮފް
ޕޮލިސް އަހުމަދު އަރީފް ފުލުހުންނަށް މިގޮތަށް އެންގެވީ، ފުލުހުންނަށް
ހުށަހެޅި ބަލަމުންދާ މައްސަލަތަކުގެ ތަޙްޤީޤާމެދު ރައްޔިތުންގެ އިތުބާރު
މިހާރަށްވުރެ ބޮޑުކޮށް މައްސަލަތައް ނިންމެވުމަށް މިހާރަށްވުރެ އަވަސްކުރެއްވުމަށް
ފެއްޓެވި ޚާއްޞަ މަސައްކަތުގެ ދަށުންނެވެ.
ފުލުހުން ކުރިއަށްގެންދާ
ތަޙުޤީޤުގެ މަސައްކަތަށް ގެނެވުނު ބަދަލުގެ ދަށުން، މާލެއިން ފުލުހުންނަށް
ހުށަހެޅޭ މައްސަލަތައް، އެމައްސަލައެއް ހުށަހެޅޭތާ ލަސްވެގެން 24 ގަޑިއިރު
ތެރޭގައި މައްސަލަ ކޭސް ކުރުމާމެދު ގޮތެއް ނިންމަވަން ޖެހޭނެއެވެ. އަތޮޅުތެރޭގައި
ނަމަ 48 ގަޑިއިރު ތެރޭގައި އެކަމަށް ގޮތެއް ނިންމަވަން ޖެހޭނެއެވެ.
ފުލުހުންނަށް ހުށަހެޅޭ މައްސަލައެއް ހުށަހެޅޭތާ 7 ދުވަސްތެރޭގައި މައްސަލަ
ތަޙުޤީޤު ކުރައްވާ ޔުނިޓުގެ ހެޑް އެމައްސަލައިގެ ތަޙްޤީޤުގެ މަސައްކަތް ގޮސްފައިވާ
މިންވަރު ބައްލަވައި މަސައްކަތް ޓާސްކޮށްފައިވާ މިންވަރަށް ކުރިޔަށްދާކަން ކަށްވަރު
ކުރައްވަންޖެހޭނެއެވެ.
މައްސަލައިގެ ތަޙުޤީޤު 14
ދުވަސްތެރޭގައި ނުނިމި އޮތްނަމަ ތަޙުޤީޤުކުރަށްވާ ޑިޕާޓްމަންޓުގެ ހެޑް އެމައްސަލައިގެ
ތަޙުޤީޤު މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވައި މަސައްކަތު ސްޕީޑް އަވަސް ކުރެއްވުމަށް
ކުރަންޖެހޭ ކަންކަން، މައްސަލަ ތަޙުޤީޤު ކުރަށްވާ ފަރާތަށާއި ސުޕަވައިޒްކުރާ ފަރާތްތަށް
އަންގަވަންޖެހޭނެއެވެ.
މައްސަލައިގެ ތަޙުޤީޤުގެ މަސައްކަތް 30 ދުވަސްތެރޭގައި ނިންމިފައިނުވާނަމަ
އެކަން އެޑައިރެކްޓްރޭޓުގެ ހެޑް ބައްލަވައި މައްސަލައިގެ ތަޙުޤީޤު ނުނިމި ހުރި
ހުރިކަމެއް ސާފުކޮށް ކަށަވަރު ކުރައްވަން ޖެހޭނެއެވެ. އެކަށީގެންވާ ސަބަބެއްނެތި
މައްސަލަ ދިގުލައިގެން ގޮސްފައިވާނަމަ އެކަމެއް ބައްލަވައި އަޅުއްވަންޖެހޭ ފިޔަވަޅު
އަޅުއްވަންޖެހޭނެއެވެ.
ފުލުހުންނަށް ހުށަހެޅޭ މައްސަލައެއްގެ ތަޙުޤީޤު ގިނަވެގެން 60 ދުވަސްތެރޭގައި
ނުނިމި އޮތްނަމަ އެކަން ކޮމިޝަނަރ އޮފް ޕޮލިސްގެ ސަމާލުކަމަށް ގެންނަވައި މައްސަލަ
ނުނިމިހުރި އެކަށީގެންވާ ސަބަބުތައް ކޮމިޝަނަރ އޮފް ޕޮލިސްއަށް ދަންނަވަން
ޖެހޭނެއެވެ.
އެކަށީގެންވާ ސަބަބެއްނެތި
ތަޙުޤީޤުގެ މަސައްކަތް ނުނިމި އޮތްނަމަ އެކަމުގައި ޒިންމާވާ ހުރިހާ ފަރާތްތަކާމެދު
ފިޔަވަޅު އަޅުއްވަންޖެހެއެވެ. އަދި އެމައްސަލަ ނިންމުމަށް ވަކި މުއްދަތެއް ކޮމިޝަނަރ
އޮފް ޕޮލިސް ކަނޑައަޅުއްވަން ޖެހެއެވެ.
ތަޙްޤީޤުގެ މަސައްކަތްތަކަށް
ގެންނަވާ މިބަދަލުތަކުގެ މައިގަނޑު ބޭނުމަކީ މައްސަލަތަކުގައި ޝާމިލްވާ
ފަރާތްތަކަށް ޤާނޫނުގެ ތެރެއިން ލިބިދޭންޖެހޭ އަދްބުތައް ލިބިދިނުން
އަވަސްކުރުމަށް ތަޙުޤީޤުގެ ކަންކަން ފަހިކުރުމާއި، މައްސަލަތައް ކޭސްކުރުމާއިމެދު
ގޮތެއް ނިންމުން އަވަސް ކުރުންކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެއިތުރުން މައްސަލަތަކުގެ
ތަޙުޤީޤު ނުނިމި ދިގުލައިގެންދާނަމަ އެމައްސަލާގައި ހިމެނޭ މީހުންގެ ކުށުގެ ރެކޯޑް
ސާފުނުވެ ގިނަ ދުވަސްތަކެއް ވޭތުކުރަން ޖެހުމުގެ ސަބަބުން ވަޒީފާ ލިބުމުގައި ހުރި
ދަތިތަކަށް ޙައްލު ހޯދައިދިނުމަށް މަގުފަހިކޮށް ދިނުމަކީވެސް މީގެ ބޭނުމެއްކަމަށް
ފުލުހުން ވިދާޅުވެއެވެ.