ލަންކާގެ މައްޗަށް ރާއްޖެއިން ކުރި ހޯދޭނެކަމަށާއި ނަމަވެސް ޕްރެޝަރުގައި ކުޅެން ރާއްޖޭގެ ކުޅުންތެރިން ދަސްކުރަންޖެހޭކަމަށް ޤައުމީ ވޮލީ ޓީމުގެ ކޯޗް މުޙައްމަދު ސާޖިދު ބުނެފިއެވެ. ބަންގްލަދޭޝްގައި މިމަހު 22 ހުން 29އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ރާއްޖެއާއި ލަންކާ ކުޅުނު އެކުވެރިކަމުގެ ފުރަތަމަ އަދި ދެވަނަ މެޗްވެސް ލަންކާއިން ކާމިޔާބުކޮށްފައިވަނީ ސީދާ 3 ސެޓުންނެވެ.
ރޭ ކުޅުނު މެޗަށްފަހު ކޯޗް މުޙައްމަދު ސާޖިދުބުނީ ރޭގެ މެޗުން ރާއްޖެއަށް ލަންކާއާއި ވާދަކުރެވޭނެކަން ޔަގީންވެގެން ގޮސްފައިވާކަމަށާއި ހަމައެކަނި މައްސަލައަކީ މިފަދަ ޕްރެޝަރު މެޗްތަކަށް ބައެއް ކުޅުންތެރިން އާވުންކަމަށެވެ. ޚާއްސަކޮށް އެންމެ ޕްރެޝަރު ގަޑީގައި ބައެއް ކުޅުންތެރިންނަށް އަމިއްލަ މިސްޓޭކް ހެދި، އެންމެ ރަގަނޅު ނިންމުންވެސް ނުނިންމޭކަމަށެވެ. ނަމަވެސް ލަންކާއާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗާއި އަޅާބަލާއިރު، ދެވަނަ މެޗްގައި ރާއްޖޭގެ ޓީމުގެ ފަރާތުން މޮޅު އަދި ތަފާތު ކުޅުމެއް ފެނިގެންގޮސްފައިވާކަމަށް ސާޖިދު ބުންޏެވެ. އަދި ރޭގެ މެޗްގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ހިތްހަމަޖެހޭކަމަށްވެސް ސާޖިދު ބުންޏެވެ. އަދި މާދަމާ ރޭ ކުޅޭ ތިންވަނަ މެޗުގައި ލަންކާ އަތުން ސެޓެއްވެސް ހޯދުން ވަނީ ރާއްޖެއަށް ކާމިޔާބީއަކަށްކަމަށާއި ނަމަވެސް ރާއްޖެއިން ނިކުންނާނީ މެޗުން މޮޅުވާންކަމަށް ކޯޗް މުޙައްމަދު ސާޖިދު ބުނެފިއެވެ.
"މި ލެވަލްގައި އަޅުގަނޑުމެންގެ ކުޅުންތެރިން އާ ވާނެ. މި ލެވަލްގެ ޕްރެޝަރު މެޗުތައް ކުޅޭއިރު، ޓީމުގެ ގިނަ ކުޅުންތެރިންގެ އާ ކަން އެބަފެނޭ. ޝުއައިބު މެން ކަހަލަ ފައިރޫޒް މެން ކަހަލަ ކުޅުންތެރިންނަކީ މިލެވެލްއަށް އާ ކުދިން. ޝާހަކީ ދެން އެކްސްޕީރިއަންސްކޮށް ކުޅެންހުރި ކުޅުންތެރިޔާ. އޭނަ ކޮންމެ ރެޔަކު ވެސް އެއް ލެވަލެއްގައި އެބަ ކުޅޭ. ދެން އެ ތިބި ކުޅުންތެރިންނަށް މި ލެވަލްގެ ޕްރެޝަރު މި އާ ވަނީ. މައްސަލަ އަކީ ބައެއް ސެޓުތަކުގެ ފަހު ކޮޅުގައި ސެޓިންގެ މައްސަލަ މި ޖެހުނީ. ރަނގަޅަށް ސެޓިން ނުކުރެވުމުގެ މައްސަލަ ޑިފެންސްގައި ވެސް އެ ދިމާވީ. ދެން އެވްރެޖްކޮށް ރިސީވް ވެސް އެޓޭކް ވެސް ރަނގަޅު." ކޯޗް ސާޖިދު ބުންޏެވެ.