ރާއްޖޭގެ އެންމެ ޝަރަފްވެރި މުބާރާތްކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗް ފަސޭހަކަމާއެކު ކްލަބް ގްރީން ސްޓްރީޓްސްއިން ކާމިޔާބުކޮށްފިއެވެ. ހަތަރު އަހަރަށް ފަހު ބޭއްވި ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗް ގްރީންއިން ކާމިޔާބުކޮށްފައިވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 5 ލަނޑު 0 ލަނޑުން ބަލިކޮށްގެންނެވެ. އެހެންއަހަރުތަކާއި ޚިލާފަށް މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށާފައިވަނީ ޕްރެޒިޑެންޓްސް ކަޕުންނެވެ. އާންމުކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތަކީ ސީޒަންގެ އެންމެ ފަހުން ބާއްވާ މުބާރާތެވެ.
މިއަދުގެ މެޗްގެ 11ވަނަ މިނެޓްގައި ގްރީންއިންވަނީ ލަޑެއްޖަހާ މެޗްގައި ލީޑް ނަގާފައެވެ. މިލަނޑަކީ ދަ ގްރާންޑޭގެ ޑިފެންޑަރު އަހުމަދު ނައުފަލް ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ. މެޗެ ކޮންޓްރޯލްކޮށްގެން ގްރީންއިން ކުޅެފައިވާއިރު، އެޓީމުގެ ޔާމީން، އަހުމަދު ނައުފަލް އަދި އަންސަރު އިބްރާހީމަށް ރަގަނޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް އެކުޅުންތެރިންނަށް އެފުރުސަތުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ނުހިފުނުއިރުގައި، ދަ ގްރާންޑޭގެ ގޯލް ބަލަހައްޓަމުންދިޔަ ކީޕަރު އިސްމާއިލް ޝިހާމްވެސް ވަނީ ބައެއް ބޯޅަތައް ދިފާޢުކޮށްފައެވެ.
ގްރީންއިން މެޗްގެ ދެވަނަ ހާފްގައި ލީޑް ފުޅާކުރުމަށް މަސައްކަތް ކުރިއެވެ. އެގޮތުން މެޗްގެ ކުރީގައިކޮޅުގައި ލީޑް ފުޅާކުރުމަށް ނާހިލްއަށް ލިބުނު ފުރުސަތު ދަ ގްރާންޑޭގެ ޑިފެންޑަރު އިބްރާހީމް ސުނީޒް ވަނީ ދިފާޢުކޮށްފައެވެ. މެޗްގައި ގްރީންއިން ޖެހިދެވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަންސަރު އިބްރާހީމެވެ. އަދި މެޗްގެ 68ވަނަ މިނެޓްގައި ޔާމީންވަނީ ގްރީންގެ ތިންވަނަ ގޯލް ޖާހައި، އެޓީމުން ނަގާފައިވާ ލީޑް ފުޅާކޮށްފައެވެ. މިމެޗްގައި ދަ ގްރާންޑޭއަކަށް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދޭގޮތެއް ނުވިއެވެ. ގްރީންއިން ތިންވަނަ ގޯލް ޖެހިތާ ދެ މިނެޓްފަހުން އެޓީމުންވަނީ އެޓީމުގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގްރީންގެ ޑިފެންޑަރު މުޙައްމަދު ސާއިފެވެ. ގްރީން ސްޓްރީސްގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ރިޟްވާން ވަހީދެވެ.
މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ފުރަތަމަ ޑިވިޝަނުގެ އަށް ޓީމު ވާދަކުރާއިރު، މިއީ 2015 ވަނަ އަހަރު ހދ. ކުޅުދުއްފުށްޓާއި އައްޑޫގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕަށް ފަހު ފުރަތަމަ ޑިވިޝަންގެ ހުރިހާ ޓީމެއް ލައިގެން ޕްރެޒިޑެންޓްސް ކަޕް ކުޅޭ ފުރަތަމަ ފަހަރެވެ. މި ފަހަރު ޕްރެޒިޑެންޓްސް ކަޕް ކުޅެނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ.