ކުޅިވަރު

ރެއާލަށް ތާވަލުގެ ކުރީގައި 8 ޕޮއިންޓުގެ ލީޑެއް


ރޭ ސްޕެނިޝް ލަލީގައި 2-1 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގު ފިނި މޫސުމުގެ ބްރޭކް ދިޔައިރު، އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ބިލްބާއޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަތް މިނިޓް ތެރޭ ރެއާލުން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފައެވެ. ފުރަތަމަ ގޯލު ޖެހީ ހަތަރު ވަނަ މިނިޓްގައެވެ. ދެވަނަ ލަނޑުޖެހީ އޭގެ ތިން މިނެޓު ފަހުން ފުރަތަމަ ލަނޑު ކާމިޔާބުކުރި ބެންޒީމާއެވެ. ރޭގަ ބެންޒީމާ ޖެހި ދެލަނޑާއެކު އޭނާ ވަނީ މިއަހަރު އެކަނިވެސް 20 ލަނޑު މެޑްރިޑަށް ކާމިޔާބުކޮށްދީފައެވެ. ރެއާލުން ދެ ގޯލުގެ ލީޑެއް ނެގިތާ ތިން މިނިޓް ފަހުން ބިލްބާއޯގެ އޮއިހާން ސަންކޭޓް ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީފައެވެ.

ސްޕެނިޝް ލީގުގެ މެޗުތައް އާ އަހަރަށް މެދުކަނޑާލިއިރު، ރެއާލް އެއް ވަނައިގައި އޮތީ 19 މެޗުން 46 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް ސެވިއްޔާ އަށް ވަނީ 18 މެޗުން 38 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް ރެއާލް ބެޓިސް އަށް 18 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ރަޔޯ ވަޔެކާނޯ އަށް ވަނީ 18 މެޗުން 30 ޕޮއިންޓް ލިބިފައެވެ.

ބާސެލޯނާ އޮތީ 18 މެޗުން 28 ޕޮއިންޓާ އެކު ހަތް ވަނައިގައެވެ.