ޚަބަރު

އޭޑީކޭގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރަން 35 ގަޑިއިރުގެ ދުވުމެއް


އޭޑީކޭ ހޮސްޕިޓަލްގެ 35 ވަނަ އަހަރީ ދުވަހާއި ގުޅިގެން 35 ގަޑިއިރުގެ ދުވުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ. މި ދުވުމަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދުވުމެކެވެ.

އެކުވެނި ދުވާ ޓްރެކްގައި ކުރިއަށްދާ މި ޗެރިޓީ ރަން އަކީ "ދުވާހިތުން"، މި ޝިޢާރުގެ ދަށުން 35 ގަޑިއިރު މެދުނުކެނޑި ކުރިއަށްދިއުމަށް ހަމަޖެހިފައިވާ ދުވުމެކެވެ. މި ދުވުން އަންނަ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 09:00 ފެށިގެން 6 ވަނަ ދުވަހުގެ ރޭގަނޑު 20:00 ހަމައަށް އޮންނާނެއެވެ. އަދި މި ދުވުމުން ޗެރިޓީގެ ގޮތުގައި ފައިސާ، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

މިދުވުމާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް އޭޑީކޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަފްއާލް ވިދާޅުވީ މިދުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކުން ދުވާ ކޮންމެ ކިލޯމީޓަރަކަށް 35 ރުފިޔާގެ ރޭޓުން ޗެރިޓީއަށް ހަދިޔާކުރާނެކަމަށެވެ. އަދި މިދުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކުން ވެސް މަދުވެގެން 1 ކިލޯމީޓަރު ދުވަން ޖެހޭނެކަންވެސް އޭނާ ވިދާޅުވިއެވެ. ހަމަމިއާއެކު މިދުވުން ކުރިއަށްދާ ދެ ދުވަހުގެ ތެރޭގައި، ކޮންމެ ދުވަހެއްގެ ހަވީރު ހެލްތު ސްކްރީނިންގެ މަސައްކަތްތަކެއްވެސް ކުރިއަށްދާނެ ކަމަށް އަފްއާލް ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ފަސްޓް އެއިޑްގެ ޚިދުމަތްވެސް އެސަރަޙައްދުން ފޯރުކޮށްދެވޭނެކަން ފާހަގަކުރެއްވިއެވެ.

މިދުވުމުގައި ޚާއްސަ މެހްމާނެއްގެ ގޮތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެން، ރަސްމީކޮށް ދުވުން ފައްޓަވައިދެއްވާނެ ކަމަށްވެސް އަފްއާލް ވިދާޅުވިއެވެ.

" ދުވުން ނިމޭ ގަޑިއަށް އަޅުގަނޑުމެން ކުރު ރަސްމިއްޔާތެއް ދުވުން ނިންމާލުމާއެކު ބާއްވާނަން. އެ ރަސްމިއްޔާތުގަ އަޅުގަނޑުމެންގެ 35 ވަނަ އަހަރީ ދުވަހާއި ގުޅޭގޮތުން ތައްޔާރުކޮށްފަ އޮންނަ ލޯގޯ ލޯންޗް ކުރުން ވެސް އޮންނާނެ. އަދި ހަމަ އެހެންމެ އަޅުގަނޑުމެން ޗެރިޓީއަށް ދުވެ އެކިމިއުލޭޓްވި އެމައުންޓްގެ ފައިސާ ރަމްޒީ ގޮތުން ހަވާލުކުރުން ވެސް އޮންނާނެ " އޭޑީކޭ މެޑިކަލް ސެންޓަރގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަފްއާލް ވިދާޅުވިއެވެ.

މި ދުވުމުގައި ބައިވެރިވުމަށްޓަކައި، ކޮންމެ ފަރާތަކުން ރަޖިސްޓްރީ ވާންޖެހޭނެ ކަމަށާއި، ރަޖިސްޓްރީ ވުމާއެކު ކޮންމެ ބައިވެރިއަކަށްވެސް، ދުވާ މީހުން ފާހަގަކުރުމަށްޓަކައި އަތުގަ އަޅާ ބޭންޑެއް ލިބޭނެއެވެ. އަދި ދުވެ ނިމުމާއެކު ކޮންމެ ބައިވެރިއަކުވެސް ދުވި ވަރު ޔަޤީންކުރުމަށްޓަކައި ކައުންޓަރަށް އައިސް ބެލުމަށް ވަނީ ހަމަޖައްސާފައެވެ. މި ދުވުން ކުރިއަށްދާ ވަގުތުތަކުގައި ޚާއްސަ ލަކީ ޑްރޯއެއް ކޮންމެ 5 ގަޑިއިރަކުން، ކުރިއަށްދާނެއެވެ. އެގޮތުން ދުވުން ކުރިއަށްދާ 35 ގަޑިއިރު ތެރޭގައި 7 ފަރާތަކަށް ލަކީ ޑްރޯގެ ނަސީބު ލިބިގެންދާނެއެވެ. މިއިން ކޮންމެ ފަރާތަކަށް އޭޑީކޭ ސްޕޯޓްސް ޕެކޭޖެއް ހިލޭ ލިބޭނެއެވެ.