މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ޔޫވީގެ ޓާގެޓަކީ ލީގުގެ ގަދަ 6 އެއްގައި އޮވެގެން ނިންމާލުންކަމަށް ޔުނައިޓެޑް ވިކްޓްރީގެ ކޯޗް އިހުސާން ޢަބްދުލްޣަނީ ބުނެފިއެވެ. ނިމިގެން ދިޔަ ފުޓްބޯޅަ ސީޒަންގެ ޕްރިމިއަރ ލީގްގެ ފުރަތަމަ ބުރުގައި ޔުނައިޓަޑް ވިކްޓްރީއަކަށް މާރަގަނޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެޓީމުން ފުރަތަމަ ބުރު ނިންމާފައިވަނީ ޕްރިމިއަރ ލީގު ތާވަލްގެ އެންމެ ފުލުގައި އޮވެގެންނެވެ. ނަމަވެސް ލީގުގެ ދެވަނަ ބުރުގައި ޔުނައިޓެޑް ވިކްޓްރީން ވަނީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށް، ނަތީޖާ ވެސް ރަގަނޅުކޮށްފައެވެ.
ޔުނައިޓްޑް ވިކްޓްރީގެ ކޯޗް އިހުސާން ޢަބްދުލްޣަނީ ބުނީ މިދިޔަ ސީޒަންގައި ކަންތައްތައް ދިޔައީ އެންމެ ބޭނުވިގޮތަށް ނޫންކަމަށާއި ނަމަވެސް ލީގުގެ ދެވަނަ ބުރުން ފެށިގެން އޭނާގެ ޓީމުންވަނީ މެޗަކަށް ފަހު މެޗެއް ރަގަނޅުކޮށްފައިކަމަށެވެ. ކޯވިޑް-19އާއި ގުޅިގެން މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން ކުރުކޮށްލަން ޖެހުނުއިރު، ލީގްގެ ތިންވަނަ ބުރު ނުކުޅެއެވެ. އަދި އެފްއޭކަޕާއި ގައުމީ މުބާރާތްވެސް ނުކުޅެއެވެ.
ޔޫވީގެ ކޯޗް އިހުސާން ބުނީ މިދިޔަ ސީޒަންގައި ލީގް ނިންމާލިއިރު، ޔޫވީ އޮތީ ވަރަށް ރަގަނޅު ފޯމެއްގައިކަމަށާއި ލީގު ކުރިއަށް ގެންދިޔަނަމަ، ޔޫވީއަށް ރަގަނޅު ކުޅުމެއް ދެއްކުނީސްކަމަށް ސާންތި ބުންޏެވެ. އަދި މިއަހަރުގެ ޓާގެޓަކީ ލީގުގެ ގަދަ 6 އެއްގައި އޮވެގެން ލީގް ނިންމާލުންކަމަށާއި މިދިޔަ އަހަރު ޓީމަށް ދިމާވި މައްސަލަތައް ހައްލުކޮށް މިއަހަރު ބޭނުންވަނީ ޓީމް ކުރިއަށް ޖައްސާލުންކަމަށް ޔުނައިޓަޑް ވިކްޓްރީގެ ކޯޗް އިހުސާން ބުންޏެވެ.
"މިހާރުގެ ޓާގެޓަކީ (ޔޫވީ) ގަދަ ހައެއްގެ ތެރޭގައި ބޭއްވުން. އަޅުގަނޑުމެން ހާސިލްނުކުރެވޭ ވަރުގެ ޓާގެޓެއް ކަނޑައަޅައިގެން މަސައްކަތެއް ނުކުރާނަން. އެހެންވީމަ ދެން ކޮންމެ ފުޓްބޯޅަ ކޯޗެއް ވެސް މަސައްކަތްކުރާނީ ދެވެން އޮން އެންމެ މައްޗަކަށް ދިއުން. ދެން ފުޓްބޯޅައިގައި މި އިންނަނީ ތަށި ނޫނީ ލީގު އަދި އަޅުގަނޑުމެންނަކަށް އެ ހިސާބަށް ދެވޭ ވަރެއް ނެތް. އަޅުގަނޑު ބަލާނަން ދެވެން އޮތް އެންމެ ދުރަކަށް ދާން. މިހާރު ވިސްނަނީ ގަދަ ހައެއްގައި ޔޫވީ އޮންނާނެ ގޮތަށް." ސާންތީ ބުންޏެވެ
ސާންތީ ޔޫވީގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ސީޒަނުގެ މެދުތެރެއިންނެވެ. އެއީ އެ ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު އާދަމް އިސްތިއުފާ ދިނުމުންނެވެ. ހެޑް ކޯޗަކަށް އައުމުގެ ކުރިން ސާންތީ ވަނީ މުހައްމަދުގެ އެހީތެރިއެއްގެ ގޮތުގައި ވެސް ޔޫވީ އަށް މަސައްކަތް ކޮށްދީފައެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ޔުނައިޓަޑް ވިކްޓްރީން ވަނީ މިހާތަނަށް ދެ މެޗް ކުޅެފައެވެ. ޕްރެޒިޑެންޓްސް ކަޕްގައި ޔޫވީން ކުޅުނު ފުރަތަމަ މެޗްގައި އެޓީމް ބަލިވީ ކުލަބް ވެލެންސިޔާ އާއި ވާދަކޮށް 5 ލަނޑު 0 ލަނޑުންނެވެ. އަދި ދެވަނަ މެޗްގައި ދަ ގްރާންޑޭ އާއި ވާދަކުރި މެޗްވަނީ 1 ލަނޑު 1 ލަނޑުން އެއްވަރުވެފައެވެ.