މި އަހަރުގެ ސެޕްޓެމްބަރު ނެޓްފްލިކްސް އިން ދެއްކި ދެކުނު ކޮރެޔާގެ ޑްރާމާ ސްކުއިޑް ގޭމު ވަނީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ސީރީޒަކަށްވެފައެވެ. މި ސިރީޒްގެ އިތުރު ބަޔަކަށް އިންތިޒާރުކުރާ މީހުންނަށް މިވަނީ އުފާވެރި ހަބަރެއް ލިބިފައެވެ.
މި ސީރީޒްގެ ދެވަނަ ބަޔަކާއި ތިންވަނަ ބައެއްވެސް އުފައްދާނެކަމުގެ އިޝާރާތެއް ސީރީޒްގެ ޑައިރެކްޓަރ ހުވަންގް ޑޮންގް ހުއަކް މިވަނީ ދީފައެވެ. އެހެންނަމަވެސް އެކަމަށް ޔަޤީންކަން ލިބޭނީ މިހާރު ނެޓްފިލްސްއާއި އެކު ދާ މަޝްވަރާތައް ނިމުމުންކަމަށް ޑޮންގް ބުނެއެވެ.
ސްކުއިޑް ގޭމުގެ ކާމިޔާބާއި އެކު ތިންވަނަ ބައިވެސް ނެރޭނެ ކަމަށް ޑައިރެކްޓަރު މި ބުނީ ބެލުންތެރިންގެ އެދުމުގެ މަތިން މި ސީރީޒްގެ ދެވަނަ ބައެއް ނެރޭނެކަން އިޢުލާނުކޮށްފައިވަނިކޮށެވެ. ނަމަވެސް ދެވަނަ ބައިގެ މަސައްކަތް އަދި ފަށާފައެއް ނުވެއެވެ.
ސްކްއިޑް ގޭމުގެ ދެވަނަ ބައިގައި ފެންނާނީ ގިހޫން އާއި ދިމާވާ މީހުންނަށް އޭނާ ކަންތައްތައް ކުރާ ގޮތެވެ.
ސްކުއިޑް ގޭމަކީ ނެޓްފްލިކްސްއިން އެންމެ ގިނަ ބަޔަކު ބަލާފައިވާ ސީރީޒްއެވެ. މި ސީރީޒަށް އަދި މި ސީރީޒްގެ ބައެއް އެކްޓަރުން ވަނީ ގިނަ އެވޯޑުތަކެއް ވެސް ލިބިފައެވެ.