މުނިފޫހިފިލުވުން

ރާޖް ޑީކޭގެ ވެބް ސީރީޒް "ގުލްގުކަންދާ"


ޕްރޮޑިއުސަރ ރާޖް ނިދިމޯރް އާއި ކްރިޝްނާ ޑީކޭ މަޝްހޫރު ނަމުން ނަމަ ރާޖް ޑީކޭ އެންމެފަހުން އުފައްދާފައިވާ ވެބް ސީރީޒް "ފެމިލީ މޭން 2" އަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. މަނޯޖް ބަޖްޕާއީ، ސަމަންތާ ރުތް އަދި ޝާރިބް ހާޝިމީ ފެނިގެންދިޔަ މި އެކްޝަން ކޮމެޑީ ސީރީޒްގެ ފުރަތަމަބައިވެސް 2019 ވަނަ އަހަރު ވަނީ ދައްކާފައެވެ.

މި ކާމިޔާބާއިއެކު ރާޖް ޑީކޭ އަނެއްކާވެސް ދަނީ މި އަހަރު ތެރޭ ދެ ވެބްސީރީޒެއް އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ. މީގެތެރެއިން އެއް ސީރީޒަކީ މިހާރު ޝޫޓިންތައް ވެސް ނިމިފައިވާ ކުރިން "އަޝްވަލިންގާ" އެވެ. މިހާރު މި ނަން ވަނީ "ގުލްކަންދާ" އަށް ބަދަލުކޮށްފައެވެ.

ރާހީ އަނިލް ބަރްވާ ޑައިރެކްޓްކުރާ މި ޕީރިއަޑް ކޮމެޑީގައި ކުނާލް ކޭމޫ، ޕަންކަޖް ތްރިޕާތީ އަދި އަބީޝެކް ބަނެރްޖާވެސް ފެންނާނެއެވެ. މި ސީރީޒް ޕްރިމިއަރ ކުރާނީ އެމެޒޯން ޕްރައިމުންނެވެ.

"ގުލްކަންދާ" ގެ ޓީމަށް ދިމާވި އެންމެބޮޑު ގޮންޖެހުމަކީ ސީރީޒްގެ އެއް އެކްޓަރު އަމިތް މިޝްޓީއަށް ހާޓް އެޓޭކެއްޖެހިގެން ނިޔާވުމެވެ. އަމިތް އަކީ ރާޖް ޑީކޭއަށް ވަރަށް ކަމުދާ އެކްޓަރެކެވެ. އަމިތް ވަނީ 2011 ވަނަ އަހަރު ދެއްކި "އަ ޖެންޓަލް މެން" އަދި ހަމަ އެ އަހަރު ދެއްކި "ޗޯރ އިން ދަ ސިޓީ" އާއި 2009 ވަނަ އަހަރު ދެއްކި "99" ގައިވެސް ރާޖް ޑީކޭ އާއިއެކު މަސައްކަތްކޮށްފައެވެ. އަމިތްގެ ބަދަލުގައި ސީރީޒަށް މިހާރު ނަގާފައިވަނީ "ޖޭސީ ޖޭސީ ކޮއި ނެހީ" ގައި ނަންދޫގެ ރޯލުން ފެނުނު ގޯރަވް ގޭރާ ހަމަޖައްސާފައެވެ.

ރާޖް ޑީކޭގެ ކުރިއަށްހުރި މަސައްކަތްތަކުގެ ތެރޭގައި ޝާހިދު ކަޕޫރާއި ވިޖޭ ސެތޫޕަތީ ފެންނަ ވެބް ސީރީޒް 'ފޭކްސް' އާއި ސްޕައި ސީރީޒް "ސިޓަޑެލް" ހިމެނެއެވެ. "ސިޓަޑެލް" ގައި ފެންނާނީ ވަރުން ދަވަން އާއި ސަމަންތާ ރުތް އެވެ.