ކުޅިވަރު

ކޮލިފައިން ފުރަތަމަ މެޗުގައި ވެލެންސިޔާ ޕަރޯ އެފްސީއާއި ދެކޮޅަށް


އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ކްލަބް ވެލެންސިއާ ފުރަތަމަ ބުރުގެ ފުރަތަމަ މެޗުގައި ބޫޓާންގެ ޕަރޯ އެފްސީއާ ކުޅެން ޖެހިއްޖެއެވެ. މިދެ ޓީމް ވާދަކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 5ވަނަ ދުވަހުއެވެ. އޭއެފްސީ މިއަދު ބޭއްވި މިމުބާރާތުގެ ގުރުއަތުލުމުގައި ދެކުނު އޭޝިއާގެ ޒޯން ޕްރިލިމިނަރީ ބުރުގައި ވެލެންސިއާގެ އިތުރުން ކުޅެނީ ޕަރޯ އާއި ލަންކާ ސުޕަ ލީގުގެ ޗެމްޕިއަން ބްލޫ ސްޓާ އަދި ނޭޕާލްގެ އޭ ޑިވިޝަން ލީގުގެ ޗެމްޕިއަން މަޗިންދުރަ އެފްސީއެވެ. އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ކުލަބް ވެލެންސިޔާއިން ވަނީ 4 ފަހަރު ވާދަކޮށްފައެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިން ބުރު ރޭވިފައިވާ ގޮތުން ވެލެންސިއާ އިން ޕްރިލިމިނަރީ ބުރުގެ ފުރަތަމަ މެޗުގައި ޕަރޯ އަތުން މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ކުޅެން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާއި ދެކޮޅަށެވެ. އެ އެމެޗް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 12 ވަނަ ދުވަހުއެވެ. އަބަހާނީއާއި ވާދަކޮށް ވެލެންސިޔާ މޮޅުވެއްޖެނަމަ، ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން ޕްލޭއޮފްގައި ވެލެންސިއާ ކުޅެން ޖެހޭނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި މަޗިންދުރަ، ބްލޫ ސްޓާ ކުޅެގެން މޮޅުވާ ޓީމަކާއެވެ. މިމެޗް ކުޅުމަށް ނިންމާފައިވަނީ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ.

ޕްލޭއޯފް މެޗުން މޮޅުވާ ޓީމަކަށް ގުރޫޕް ސްޓޭޖުން ޖާގައެއް ލިބިގެންދާނެއެވެ. މިމުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕްގައި އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަދި އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރަލާއެވެ. މި ގުރޫޕްއިން ދެން ފުރުސަތު ލިބެނީ ޕްލޭ އޯފް މެޗުން މޮޅުވާ ޓީމަކަށެވެ.

ކޯވިޑް-19އާއި ގުޅިގެން އެންމެ ފަހުން މިދިޔަ އަހަރު ކުޅުނު އޭއެފްސީ ކަޕްގެ މެޗްތަށްވެސް ކުރިއަށް ދިޔައީ އެއް ލެގަށެވެ. އަދި ކޮލިފައިންގެ މެޗްތައްވެސް ކުރިއަށްދާނީ އެއް ލެގަށެވެ.

ރާއްޖޭގެ ކުލަބް ވެލެންސިޔާވަނީ 2017ވަނަ އަހަރު އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކޮށްފައެވެ. ކޮލިފައިން ފުރަތަމަ ބުރުގައި ވެލެންސިޔާއާއި ބޫޓާންގެ ތިމްޕޫ ސިޓީއާއި ބޫޓާންގައި ކުޅުނު މެޗް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވީއިރުގައި މާލޭގައި ކުޅުނު މެޗް ވެލެންސިޔާ ކާމިޔާބުކުރީ 3 ލަނޑު 0 ލަނޑުންނެވެ. ވެލެންސިއާ ޕްލޭއޮފްގައި އިންޑިއާގެ މޯހަން ބަގާންއާއި ދެކޮޅަށް މާލޭގައި ކުޅުނު މެޗް 1 ލަނޑު 1 ލަނޑުން އެއްވަރު ވީއިރު، އިންޑިޔާގައި ކުޅުނު މެޗުން ވެލެންސިޔާ ބަލިވީ 4 ލަނޑު 1 ލަނޑުންނެވެ.