ސައޫދީ އަރަބިޔާއާއި އީރާނާ
ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާމެދު ކަންބޮޑުވާކަން އެމެރިކާ ހާމަކޮށްފިއެވެ.
ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް
އާނެސްޓް ވިދާޅުވީ ސައޫދީ އަރަބިޔާއާއި އީރާނުގެ ކިބައިން އެމެރިކާ އެދެނީ
މައްސަލަ އިތުރަށް ހޫނު ނުކޮށް ދެގައުމުންވެސް ނަފްސު ކޮންޓްރޯލް ކުރުމަށް ކަމަށެވެ.
ސައޫދީ އަރަބިޔާއާއި އީރާނާ
ދެމެދު ގުޅުންތައް ގޯސްވެފައިވާތާ އަހަރުތަކެއް ވެފައިވީނަމަވެސް މިގުޅުންތައް
އާދަޔާ ޚިލާފަށް ގޯސްވެ ނުތަނަވަސްކަން ބޮޑުވެގެންދިޔައީ ސައޫދީ އަރަބިޔާގެ ޝިޔައީ
އިމްލުވެރިއެއް ކަމަށްވާ ޝައިޚް ނިމްރުއްނިމްރުގެ މައްޗަށް މިދިޔަ ހޮނިހިރު ދުވަހު
ސައޫދީ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރުމާގުޅިގެނެވެ.
ޝައިޚް ނިމްރަށް މަރުގެ އަދަބު
ދިނުމާއި ގުޅިގެން އީރާނުގެ ލީޑަރުން އެކަމާދެކޮޅަށް އަޑުއުފުއްލަވާފައި ވަނިކޮށް
މިމައްސަލާގައި ރުޅިގަދަވެފައިވާ އީރާނުގެ އާންމުންގެ ބަޔަކު، ތެހްރާންގައި ހުންނަ
ސައޫދީ އެންބަސީގެ އިމާރާތުގައި މިދިޔަ އާދީއްތަ ދުވަހު ހުޅުޖަހައި އެއިމާރާތަށް
ބޮޑުތި ގެއްލުންތަކެއް ދިނުމާއި ގުޅިގެން ސައޫދީ ސަރުކާރުންވަނީ އީރާނާއެކު ބާއްވަމުން
ގެންދިޔަ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލިކަން އިޢްލާންކޮށްފައެވެ.
ސައޫދީ އަރަބިޔާއަކީ ގަލްފާއި
މެދުއިރުމަތީގައިވާ އެމެރިކާގެ އެންމެ ބޮޑު އެއްބައިވެރިޔާއެވެ. ނަމަވެސް އެމެރިކާ
ދަދީފަހުންވަނީ އީރާނާ ދެކޮޅަށް ގެންގުޅުނު ހަތުރުވެރިކަން ދޫކޮށް އީރާނާވެސް
ގާތްވުމުގެ ސިޔާސަތުތަކެއް ގެންގުޅެންފަށާފައެވެ. އެހެންކަމުން ސައޫދީ
އަރަބިޔާއާއި އީރާނާދެމެދު އުފެދިފައިވާ މިމައްސަލަތަކުގައި އެމެރިކާގެ ފަރާތުން
ފެންނަމުންދަނީ ވަކިކޮޅަކަށް ނުޖެހި މައްސަލަ ހައްލުކުރުމަށް އެދެގައުމަށް
ބާރުއަޅާ ސިޔާސަތެކެވެ.
ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް
އާނެސްޓް ވިދާޅުވި ގޮތުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ގެންދަވަނީ
މިމައްސަލައާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އާ
ގުޅުއްވަމުންނެވެ. އަދި އެމެރިކާގެ އިސް ޑިޕްލޮމޭޓުން ގެންދަވަނީ ސައޫދީ
މަސްއޫލުވެރިންނާ ގުޅުއްވައި ކަންތައްތައް އިތުރަށް ގޯސްވިޔަ ނުދިނުމަށް
މަސައްކަތް ކުރައްވަމުންކަންވެސް އާނެސްޓް ވިދާޅުވިއެވެ.
އީރާނާއެކު ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލުމުގެ އިތުރުން ސައޫދީ ޚާރިޖީ ވަޒީރު
އާދިލް އަލްޖުބައިރުވަނީ އީރާނާއެކު ބާއްވާ ވައިގެ ދަތުރުފަތުރުތަކާއި ވިޔަފާރީގެ
ގުޅުންތައްވެސް ކަނޑާލުމަށްވެސް ސައޫދީ ސަރުކާރުން ނިންމިކަން އިއްލާންކުރައްވާފައެވެ.
ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި އާދިލް އަލްޖުބައިރު ވަނީ އީރާނުން
އަރަބި ގައުމުތަކަށް ހަނގުރާމަވެރިން ފޮނުވައި ސައޫދީ އަރަބިޔާއާއި އެގައުމުގެ
އަވަށްޓެރި ގަލްފުގެ ގައުމުތަކަށް ހަމަލާތައް ދިނުމަށް ރާވަމުންގެންދާ ކަމުގެ
ތުހުމަތުތައްވެސް އީރާނުގެ މައްޗަށް ކުރައްވާފައެވެ. އީރާނާއެކު ބާއްވާ
ޑިޕްލޮމެޓިކް ގުޅުންތަކާއި ދަތުރުފަތުރާ އަދި ވިޔަފާރީގެ ގުޅުންތައް ސައޫދީ
އަރަބިޔާއިން ކަނޑާލުމާ ގުޅިގެން އީރާނުންވަނީ އެއީ ބުއްދިވެރި ނިންމުންތަކެއް
ނޫންކަމަށް ސިފަކޮށްފައެވެ.