ދުނިޔެ

އުތުރުކޮރެޔާގެ ނިއުކްލިޔަރ ޓެސްޓް ކުށްވެރިކޮށްފި


އުތުރު ކޮރެޔާއިން އެންމެ ފަހުން ޓެސްޓްކޮށްފައިވަނީ ހައިޑްރިޖަން ނިއުކްލިޔަރ ބޮމެކެވެ. މިއީ ހައިޑްރޮޖަން ނިއުކްލިޔަރ ބޮމެއް އުތުރު ކޮރެޔާއިން ޓެސްޓް ކުރި ފުރަތަމަ ފަހަރެވެ. މިފަދަ ބޮމަކީ އެޓޮމިކް ބޮމަކަށް ވުރެ ބާރުގަދަ ބޮމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިއީ 2006 ވަނަ އަހަރު ފަހުން އެޤައުމުން ކުރި މިފަދަ 4 ވަނަ ޓެސްޓެވެ. އުތުރު ކޮރެޔާއިން މީގެ ކުރިން ކޮށްފައިވާ ޓެސްޓްތަކުގެ ސަބަބުން އެމެރިކާއާ އދ. ގެ ސަލާމަތީ މަޖިލީހުން ވެސް އެޤައުމާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ.މި ޓެސްޓް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފައިވާކަން ހާމަކުރަމުން އުތުރު ކޮރެޔާގެ ޤައުމީ ޓީވީއިން ބުނެފައިވަނީ މިފަދަ ޓެސްޓްތައް ކުރުމަކީ ޤައުމީ ދިފާޢު ކަށަވަރު ކުރުމަށް އުތުރު ކޮރެޔާއަށް ލިބިފައިވާ ހައްޤެއް ކަމަށާއި، މިއީ އެމެރިކާ ފަދަ ޤައުމުތަކުން އުތުރު ކޮރެޔާއަށް ކުރިމަތި ކުރުވަފާނެ ނުރައްކާތަކުން ދިފާޢުވުމަށް އެޤައުމުން ކުރިކަމެއް ކަމުގައެވެ. އުތުރު ކޮރެޔާއިން ނިއުކްލިޔަރ ޓެސްޓެއް ކުރިއަށް ގެންދިޔަކަން އެހެން ޤައުމަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެހެން ނަމަވެސް އުތުރު ކޮރެޔާގެ ނިއުކްލިޔަރ ޕްލާންޓެއް ހުންނަ ސަރަހައްދު ކައިރިން ރިކްޓަރ މިންގަނޑުން 5.1  ގެ ބާރު މިނުގައި ބިންހެލުމެއް އައިސްފައިވާ ކަމަށް ޖަޕާނުގެ މޫސުމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި މިއީ ޤުދުރަތީ ލޮޅުމެއް ނޫން ކަމަށާއި މިއީ ނިއުކްލިޔަރ ޓެސްޓެއްގެ ސަބަބުން އައި ބިންހެލުމެއް ކަމަށް ޖަޕާނުން ވަނީ ބުނެފައެވެ.މިކަމާ ބެހޭ ގޮތުން ދެކުނު ކޮރެޔާއިން ބުނެފައިވަނީ އުތުރު ކޮރެޔާއިން މިފަދަ ޓެސްޓެއް ކޮށްފައި މިވަނީ ދެކުނު ކޮރެޔާގެ އިތުރުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގޮވާލުންތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު ކަމަށާއި މިމައްސަލައިގައި އުތުރު ކޮރެޔާއާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށާ އދގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ބާރު އަޅާނެ ކަމަށެވެ. އުތުރު ކޮރެޔާއިން ކުރި ނިއުކްލިޔަރ ޓެސްޓް އެމެރިކާއާ ޖަޕާނުން ވެސް ވަނީ ކުށްވެރިކޮށްފައެވެ. ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ، އުތުރު ކޮރެއާގެ މި ޓެސްޓަކީ ޖަޕާނުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި މިއީ ޖަޕާނުން އެއްވެސް ޙާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި މިމައްސަލަ ޖަޕާނުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް ޖަޕާނުގެ ބޮޑު ވަޒީރު ވަނީ ހާމަކުރައްވާފައެވެ.