ޚަބަރު

ހައިކޯޓުގެ އިސްފަނޑިޔާރަކަށް ޢަބްދުﷲ ދީދީ ހަމަޖައްސަވައިފި


ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު
ޢަބްދުﷲ ދީދީ ހަމަޖެއްސެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.



ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ ހައިކޯޓުގެ އިސްފަނޑިޔާރަކަށް، އެކޯޓުގެ
ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ހަމަޖެއްސުމަށް ނިންމެވީ މިއަދު ކޮމިޝަނުގައި
ނެގުނު ސިއްރުވޯޓުންކަމަށެވެ.



ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުﷲ ދީދީ
ހަމަޖެއްސެވުމަށް މިއަދު ނިންމަވާފައިވާއިރު، ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖުޑިޝަލް ސަރވިސް
ކޮމިޝަން، ޖޭއެސްސީން އިއްޔެ ވަނީ އިޢުލާންކުރައްވައިފައެވެ.  



ސިވިލްކޯޓަށް  ދެ
ފަނޑިޔާރަކު ހޯދުމަށް ޖޭއެސްސީން އިއުލާންކުރައްވާފައި މިވަނީ އެކޯޓްގެ
ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އައިޝާ ސުޖޫން މުހައްމަދާއި މަރިޔަމް ނިހާޔަތު
މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ކްރިމިނަލްކޯޓުން ދެ ފަނޑިޔާރުންގެ މަގާމް ހުސްވެފައިވަނީ އެކޯޓްގައި މަސައްކަތްކުރައްވަމުން ގެންދެވި ފަނޑިޔާރު އަބްދުﷲ ދީދީ އާއި
ސުޖާޢު އުސްމާން ހައިކޯޓަށް ބަދަލުކުރެއްވުމާއި ގުޅިގެނެވެ. 



ދަށުކޯޓްތަކަށް ފަނޑިޔާރުން ހޯއްދެވުމަށް ޖޭއެސްސީން
ކުރައްވާފައިވާ އިޢުލާންގައި ބުނެފައިވަނީ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހަކީ
އުމުރުން 25 އަހަރުވެފައި މީހަކަށް
ވާންޖެހޭނެކަމަށެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެގެން ދެ
އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި، އިސްލާމީ ޝަރީއާ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ
ލިބިފައިވާ މީހަކަށްވެސް ވާންޖެހޭނެކަމަށެވެ.



މުސާރައާއި އިނާޔަތާއިއެކު ސިވިލް ކޯޓްގެ
ފަނޑިޔާރަކަށް ސާޅިސް ހަހާސް ހަ ސަތޭކަ ފަންސާސް ރުފިޔާ  ލިބޭނެއެވެ. އަދި ކްރިމިނަލް ކޯޓްގެ ފަނޑިޔާރަކަށް
މުސާރައާއި އިނާޔަތާއި އެކު ސާޅިސް އަށްހާސް ތިންސަތޭކަ ރުފިޔާ ލިބޭނެއެވެ. މީގެ
ިއތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އުސޫލެއްގެ މަތިން މެޑިކަލް
އިންޝުއަރެންސާއި ފޯން އެލަވަންސް ވެސް ކޮންމެ ފަނޑިޔާރަކަށް ލިބޭނެކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.

 ހައިކޯޓަށް
ފަނޑިޔާާރަކު ހޯދުމަށްވެސްް ޖޭއެސްސީން މިދިޔަ  ހޯމަދުވަހު އިއުލާންކުރައްވާފައިވެއެވެ. ހައިކޯޓުގެ
ފަނޑިޔާރަށް މޫސާރައާއި އިނާޔަތުގެ ގޮތުގައި ފަންސާސް ހަތަރުހާސް ތިންސަތޭކަ
ރުފިޔާ ކަނޑައަޅުއްވާފައިިވެއެވެ.