ގައުމީ ޓީމްގެ މެޗްތައް އަތޮޅު ތެރޭގައިވެސް ކުޅުމަކީ އެފްއޭއެމްގެ ވިސްނުމެއްކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. މުޅި ރާއްޖެއަށް ފުޓްބޯޅައިގެ ފޯރި ގަދަކުރުމަށް އެފްއޭއެމްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެއިދާރާއިން މިއަހަރުގެ ފުޓުބޯޅަ ސީޒަންގެ ދެ މުބާރާތުގެ ފައިނަލް މެޗް ކުޅެފައިވަނީ އަތޮޅު ތެރޭގައެވެ. އެގޮތުން ޕްރެޒިޓެންޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ކުޅެފައިވަނީ ރ.އަތޮޅު އަލިފުށީގައެވެ. އަދި ޔޫތު ޗެންޕިއަންޝިޕް ފައިނަލް މެޗް ކުޅެފައިވަމީ ފ.އަތޮޅު ނިލަންދޫގައެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގައުމީ ސީނިއަރ ޓީމާއި ގައުމީ ޖޫނިއަރ ޓީމްތަކުން ވެސް ކުޅޭ ގިނަ މެޗުތައް އަތޮޅުތެރޭގައި އަޅާފައިވާ ދަނޑުތަކުގައި ކުޅުމަކީ އެފްއޭއެމްގެ އަމާޒެއްކަމަށާއި ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމަށްވެސް މިއީ ވަރަށް މުހިއްމުކަމެއްކަމަށެވެ. އަދި މިވަގުތު މާލޭގައި ޤައުމީ ޓީމު ކުޅޭ މެޗްތަކާއި ބައިނަލްއަޤުވާމީ މެޗުތައް ކުޅުނު ނަމަވެސް، މުސްތަގްބަލުގައި އަތޮޅު ތެރޭގައިވެސް ބައިނަލްއަޤުވާމީ މެޗުތައް ކުޅެވޭނެކަމަށް ބައްސާމް ވިދާޅުވިއެވެ.
އޭއެފްސީއިންވަނީ ކޯވިޑް-19އާއި ގުޅިގެން އެއިދާރާގެ މުބާރާތައް ސެންޓްރަލައިޒްކޮށް މިއަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ މުބާރާތުގެ ގުރޫޕް ސްޓޭޖްގެ މެޗްތައް ވެސް ކުރިއަށް ގެންގޮސްފައިވަނީ ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގައެވެ. އެގޮތުން ގުރޫޕް ޑީގެ ހުރިހާ މެޗްއެއް ކުޅެފައިވަނީ މާލޭގައެވެ. މިއަހަރުގެ ޖޫން މަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗްތައް ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމްއިން ވަނީ ބިޑްކޮށްފައެވެ.
އެފްއޭއެމްއިން މިހާރު މަސައްކަތް ކުރަނީ 2023/2024ގެ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް މުޅި ރާއްޖެ ހިމެނޭ ގޮތަށް ކުރިއަށް ގެންދިއުމަށެވެ. ބައްސާމް ވިދާޅުވީ ރާއްޖެ ބެހިފައި އޮތް ގޮތުން މުޅި ރާއްޖޭގައި މުބާރާތްތަކުގެ ކުޅުން ކުޅުން ކުރިޔަށްގެންދިއުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށާއި އެއްފަހަރާ މުޅި ރާއްޖޭގައި މެޗްތައް ކުޅުމުގެ ބަދަލުގައި އެފްއޭއެމްއިން ބެލީ ބައިތަކަށް ބަހާލައިގެން މެޗުތައް ކުޅުމުގެ އިންތިޒާމުތައް ކުރިއަށް ގެންދިއުންކަމަށެވެ. ބައްސާމް ވިދާޅުވީ އަތޮޅު ތެރޭގައި މެޗްތައް ކުޅުމަކީ އެރަށްރަށަށް ވެސް އުމްރާނީ ގޮތުން ކުރިއެރުންތަކެއް އަންނަކަމަށެވެ. ހާއްސަކޮށް މެޗެއް ކުޅުމަށް ބޭނުންވާ ދަނޑުގެ ވަސީލަތްތައް ތަރައްގީކުރުމާއި ރަށުގެ އާންމު ރައްޔިތުންނަށްވެސް ނުސީދާ ގޮތުން ފައިދާ ކުރާކަމަށް ބައްސާމް ވިދާޅުވިއެވެ.