ހަ ސަރަހައްދެއްގައި ޤާޢިމުކުރާ އެއާޕޯޓު މަޝްރޫޢުތަކަށް މަދުވެގެން 3 މިލިއަން ޑޮލަރު އިންވެސްޓުކުރުމުން ފަތުރުވެރިކަމަށް ރަށް ދެވޭގޮތަށް ރައީސުލްޖުމުހޫއްރިއްޔާގެ ޤަރާރަކުން ނިންމައިފިއެވެ.
ރާއްޖޭގެ ޓުއަރިޒަމާއި ބެހޭ ޤާނޫނުގައި އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ އާންމު މަންފާއެއް ހާސިލު ކުރުމަށް ހިންގާ މަޝްރޫޢުތަކުގައި އެންމެ މަދުވެގެން އިންވެސްޓު ކުރެވޭ އަދަދު އަހަރުން އަހަރަށް ރައީސުލްޖުމުހޫއްރީއްޔާގެ ޤަރާރަކުން އާންމު ކުރަން ވާނެކަމަށް ބަޔާން ކުރެއެވެ. އެހެންކަމުން ކަމުން ރައީސުލްޖުމުހޫއްރީއްޔާގެ މި ޤަރާރުގެ ދަށުން ފާހަގަކޮށްފައިވާ 6 އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއަށް އެންމެ މަދުވެގެން 3 މިލިއަން ޑޮލަރު އިންވެސްޓު ކުރުމުން ފަތުރުވެރިކަމަށް ރަށެއް ލިބޭ ގޮތަށް ވަނީ ބަދަލު ގެނެވިފައެވެ.
ސަރުކާރުން އެއާޕޯޓް ތަރައްގީކުރުމަށް ހުޅުވާލާފައި ވަނީ ބ. ތުޅާދޫ، ށ. ބިލެތްފަހި، ތ. ވިލުފުށި، ހދ. މަކުނުދޫ، ފ.މަގޫދޫގެ އިތުރުން ރ.އަތޮޅުގެ ދެކުނު ބިތުން ސަރަހައްދެއްގައެވެ.
މިރަށްތަކަށް އިންވެސްޓްމެންޓް ހޯދަނީ އެކި އަދަދުތަކަށެވެ. އެގޮތުން ބ. ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ހޯދާއިރު، ބިލެތްފަހި އެއާޕޯޓާއި ރ. އަތޮޅު ދެކުނު ބިތުގައި ތަރައްޤީ ކުރާ އެއާޕޯޓަށް ހޯދަނީ 23.6 މިލިއަން ޑޮލަރެވެ. މަކުނުދޫ އެއާޕޯޓަށް 23.3 މިލިއަން ޑޮލަރު ސަރުކާރުން ހޯދުމަށް މަސައްކަތް ކުރާއިރު، އެންމެ ކުޑަ އިންވެސްޓްމެންޓެއް ހޯދާ ފ. މަގޫދޫ އެއާޕޯޓަށް ހޯދަނީ 8.2 މިލިއަން ޑޮލަރެވެ. ފ. އަތޮޅަކީ އެއްވެސް އެއާޕޯޓެއް މިވަގުތު ނެތް އަތޮޅެކެވެ. މިމަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު އިންވެސްޓްމެންޓެއް ހޯދަނީ ތ.ވިލިފުށީ އެއާޕޯޓަށެވެ. އެއީ 33.3 މިލިއަން ޑޮލަރެވެ.
ރައީސްގެ މި ޤަރާރަކީ މި 6 ސަރަހައްދުގައި ޑޮމެސްޓިކް އެއާޕޯޓު ތަރައްޤީކުރުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތަށް ބާރު ދިނުމުގެ ގޮތުން ނެރެފައިވާ ޤަރާރެކެވެ. ސަރުކާރުން ދެވަނަ ފަހަރަށް މިރަށްތަކުގައި އެއާޕޯޓު ތަރައްޤީ ކުރުމަށް ހުޅުވާލިއިރު، ބައެއް ބަދަލުތައް ގެނެސް ފުރުސަތު އަލުން ހުޅުވާލިއެވެ. އެގޮތުން އެންމެ މަދުން އިންވެސްޓު ކުރެވޭ އަދަދު ވަނީ 5 މިލިއަން ޑޮލަރުން 3 މިލިއަން ޑޮލަރަށް ތިރިކޮށްފައެވެ. މީގެ އިތުރުން ކުރިއާއި ހިލާފަށް އެ މަޝްރޫޢުގެ އެއްބަޔައް ނުވަތަ މުޅި މަޝްރޫޢަށް ފައިނޭންސް ކުުރުމަށްވެސް ހުޅަހެޅިދާނެއެވެ.
މިމަޝްރޫޢުތަކުގައި އެއަރޕޯޓް ތަރައްޤީ ފައިނޭންސްކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓް އަދަދު، އެ މަޝްރޫޢެއްގެ މުޤާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ސަރަހައްދުގެ އެކުއިޒިޝަން ކޮސްޓު އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދުން ކަނޑައި ދޭނެއެވެ.
މިމަޝްރޫޢުތަކަށް ދައުވަތަކާއި ނުލައި ބިޑްކުރުމުގެ އުސޫލުގެ ދަށުން، ޝަޢުގުވެރިކަން ފާޅުކޮށް ހުށަހަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ.