ދިވެހިންގެ ހިތްހެޔޮކަމާއި ރާއްޖޭގެ ޤުދުރަތީ ރީތިކަމާއެކު ދުނިޔޭގެ ކޮންމެ މަންޒިލަކާވެސް ވާދަކޮށްލެވޭނެކަމަށް ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިންގެ ގްރޫޕެއް ޖޯޖް ކޯބިން ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ސިލްސިލާ ޓޯކް ޝޯވްތަކުގެ ތެރެއިން ފުރަތަމަ ޝޯވް "ޓުއަރިޒަމް އަޕްބީޓް - ދަ ޕައިނިއާސް ޓޯކް" ޓޯކް ޝޯވްގައި ވާހަކަ ދައްކަވަމުން ޖޯޖް ކޯބިން ބުނީ ރާއްޖެއިން މިވަގުތު ބޮޑު މަސައްކަތެއް ކުރަން ޖެހެނީ އެމެރިކާ މާކެޓުން އަންނަ ފަތުރުވެރިން އިތުރު ކުރަން ކަމަށެވެ. ކެރިބިއަންގެ ޖަޒީރާ ޤައުމުތައް މި މާކެޓު ކައިރީގައި އޮތުމުން ރާއްޖެއަށް މިމާކެޓުން މީހުން ގެނައުމަށް ކުރަންޖެހޭނީ ކޮންކަމެއްތޯ ސްކޫލް ދަރިވަރަކު ސުވާލުކުރުމުން ކޯބިން ވިދާޅުވީ ރާއްޖޭގެ ޤުދުރަތީ މާހައުލާއެކު ރާއްޖެއަށް ހުރި ފުރުސަތުތައް ގިނަ ކަމަށެވެ.
ކޯބިން ޤަބޫލުކުރައްވާ ގޮތުގައި ދުނިޔޭގެ އެހެން މަންޒިލްތަކާއި ވާދަކުރުމަށް ރާއްޖެއަށް ލިބިފައިވާ އެންމެ މުހިންމު ދެ އެއްޗަކީ ރާއްޖޭގެ ޤުދުރަތީ މާޙައުލާއި، ދިވެހިންގެ ހިތްހެޔޮކަމެވެ. އަދި މި ކަންކަން ބަދަލުނުވާހާ ހިނދަކު ދުނިޔޭގެ ކޮންމެ މަންޒިލަކާއިވެސް ރާއްޖެއަށް ވާދަ ކޮށްލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޯބިންގެ ތަޖުރިބާގެ އަލީގައި އޭނާ ބުނީ ފަތުރުވެރިން އެހާރާއި މިހާރު ބޭނުންވާ ކަންކަން ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން އޭރު ފަތުރުވެރިން މާ މޮޅު ޙިދުމަތްތަކެއް ބޭނުން ނުވާ ކަމާށާއި އާދައިގެ ކަންކަމުންވެސް ފަތުރުވެރިން ހިތްހަމަ ޖެހޭ ކަމަށެވެ. ނަމަވެސް މިހާރު ޒަމާނަށް އައި ބަދަލާއެކު ޙިދުމަތްތައް ފުޅާވެ މިހާރުގެ ފަތުރުވެރިންގެ ބޭނުންތައް ވަރަށް ބޮޑަށް މިވަނީ ބަދަލުވެފައިކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ އެހާރާއި މިހާރު ހުރި އެއްގޮތް ކަންކަންވެސް އޭނާ ފާހަގަކުރިއެވެ.
" އެހާރާއި މިހާރު ގިނަ ކަންކަން ތަފާތު ނަމަވެސް، މިހާރުވެސް ޤުދުރަތީ މާހައުލު އެބައޮތް. ރުއްތަކާއި ގޮނޑުދޮށްތަކާއި ރިސޯޓުތައް އެބަހުރި. އެކަމަކު އެންމެ މުހިންމީ މީހުން. ރާއްޖޭގެ މީހުންގެ ހިތްހެޔޮކަން 50 އަހަރުން ވެސް ބަދަލު ނުވޭ. ވަރަށް ގިނަ ކުރިއެރުން ރާއްޖެއިން ހޯދައިފި. އެކަމަކު އަޙުލާޤާއި ސަޤާފަތް އަދިވެސް ބަދަލެއް ނުވޭ. އެއީ ވަރަށް މުހިންމު ކަމެއް. ޤައުމެއްގެ ރީތި ކަމުގެ ވާހަކަ ދައްކާއިރު އެ ބުނަނީ މާޙައުލުގެ ވާހަކަ އެކަންޏެއް ނޫން. އެތަނުގެ މީހުންވެސް އޭގެ ތެރޭ ހިމެނޭ " ކޯބިން ކިޔައި ދިނެވެ.
މި ޝޯވްގެ ތެރެއިން ރާއްޖެއަށް ފުރަތަމަ އޭނާއަށް އާދެވުނު ގޮތް ހިއްސާ ކުރިއެވެ. އޭރު އޭނާ ރާއްޖެ އައުމަށް ދަތުރު ކުރެވޭނެ މަގެއް ނެތި ލަންކާގައި ހުންނަ ދިވެހި އެންބަސީން މިހާރުގެ ހެލްތު މިނިސްޓަރ އަހުމަދު ނަސީމް އާއި ދިމާވެ، ރާއްޖެ އާދެވުނު ގޮތް ހިއްސާ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ރަށްތައް ފެނުމުން އެންމެ ފުރަތަމަވެސް ބުނެވުނީ "މިއީ ސުވަރުގެ" ކަމަށެވެ. އޭގެ ފަހުން މިނިސްޓަރ ނަސީމްއާއެކު ރަށްތަކަށް ދަތުރުކޮށް ކުރުނބާ ރިސޯޓަށް ފަތުރުވެރިން ގެނައުމަށް ކުރެވުނު މަސައްކަތް ކުރުކޮށް ބައިވެރިންނާ އޭނާ ހިއްސާ ކުރިއެވެ.
ޝޯވްގެ ތެރެއިން ފަހު ބަހަކަށް އޭނާ ދިން ނަސޭހަތަކީ މި ސިނާޢަތުގައި އަބަދުވެސް ފަތުރިވެރިން އުފާކޮށްދިނުމުގެ މުހިއްމުކަމުގެ ވާހަކައެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް 'ދަ ޕަޔަނިއާސް ޓޯކް'ގެ ނަމުގައި ބޭއްވި 'ޓޫރިޒަމް އަޕްބީޓް' ޓޯކް ޝޯވްގައި ޖޯޖް ކޯބިންގެ އިތުރުން ރާއްޖޭގައި އެންމެ ފުރަތަމަ ފަތުރުވެރިކަން ފަށައިގަތުމަށް މަސައްކަތްކުރެއްވި 3 ބޭފުޅުންކަމަށްވާ، ޔުނިވާސަލް އެންޓަޕްރައިޒެސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު، ކްރައުން ކުންފުނީގެ ޗެއަރމަން ޗަމްޕާ ހުސެއިން އަފީފްއާއި މިހާރުގެ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޓޯކްޝޯވްގެ މޮޑަރޭޓަރަކީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މައުސޫމެވެ. ގިނަ އަދަދެއްގެ ސްކޫލް ކުދިންނާއި ޔުނިވާސިޓީ ދަރިވަރުން ބައިވެރިވި މި ޓޯކްޝޯވްގެ ތެރެއިން ވަނީ ޕެނަލްގައި ހިމެނޭ ފަރާތްތަކާއި ސުވާލުކުރުމުގެ ފުރުސަތުވެސް އޯޑިއަންސްއަށް ދީފައެވެ.