"ޒިންދަގީ ނާ މިލޭގީ" ، "ބާގް މީކާ ބާގް" އަދި "ސްކައި އިޒް ޕިންކް" ފަދަ ހިޓް ފިލްމުތަކުން ފެނިގެންދިޔަ ބޮލީވުޑްގެ ކާމިޔާބު ތަރި އަދި ޑައިރެކްޓަރ ފަރްހާން އަޙްތަރު ކައިވެނިކޮށްފިއެވެ. ގިނަ އަންހެންކުދިންހެ ހިތުން ޖާގަ ހޯދާފައިވާ ފަރްހާން ކައިވެނިކުރީ އޭނާގެ ޒަމާންވީ ލޯބިވެރިޔާ ޝިބާނީ ޑަންޑޭކަރާއެވެ.
ހިންދީ ފިލްމް އިންޑަސްޓްރީގެ މޮޅު ސްކްރިޕްޓް ރައިޓަރ އަދި ޅެންވެރިޔާ ޖާވިދު އަހްތަރުގެ ދަރި ފަރްހާންގެ ކައިވެނި ހަފްލާ ބާއްވާފައިވަނީ ޖާވިދުގެ އަމިއްލަ ފާމް ހައުސްގައެވެ. ކައިވެނީގެ ހަފްލާ އިއްޔެ ބޭއްވި ނަމަވެސް އިންޑިއާގެ ކައިވެނީގެ އާދަކާދައިގެ މަތިން ފަހްރާންގެ ކައިވެނީގެ ކަންކަން ބުރާސްފަތި ދުވަހު ވަނީ ފަށާފައެވެ.
ކައިވެނީގެ އުފަލުގައި ބޮޑު ޙަފްލާއެއް ބާއްވަން ކުރިން ރާވާފައި އޮތް ނަމަވެސް އިންޑިއާގައި ކޯވިޑުގެ ބަލިމަޑުކަން ހަލުވިކަމާއިއެކު ފެތުރެމުންދާތީ މި ޙަފްލާއަށް ދަޢުވަތު ދީފައިވަނީ ހަމައެކަނި ޢާއިލާއާއި ރަޙްމަތްތެރިންނަށެވެ.
ކައިވެނީގެ ޙަފްލާގައި ފަރްހާނާއި އޭނާގެ ލޯބިވެރިޔާ ބޭނުންކުރީ އިންޑިއާގެ މަޝްހޫރު ޑިޒައިނަރ ސަބަޔަސާޗީގެ ހެދުންތަކެވެ. އެންމެ ފަހުން ކައިވެނިކުރި ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ކެޓްރީނާއާއި ވިކީގެ ޖޯޑުވެސް ކައިވެނި ހެދުން ޑިޒައިންކުރީ ސަބަޔަސާޖީއެވެ.
ފަރްހާނާއި ޝިބާނީ ކައިވެނި މިކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 3 އަހަރު ފަހުންނެވެ. ފަރުހާން ވަނީ މީގެ ކުރިން ވެސް ކައިވެންޏެއް ކޮށްފައެވެ. ހެއާރ ސްޓައިލިސްޓް އަދުނާ ބާނަނީ އާއި ކައިވެނި ކޮށްގެން ވަނީ ދެ އަންހެން ކުދިން ލިބިފައެވެ.
ފަރުހާންގެ ދެ އަންހެން ކުދިންނާއި ޝިބާނިއާ ވެސް ގާތް ގުޅުމެއް އޮވެއެވެ. އެންމެން އެކުގައި ވަގުތު ހޭދަކޮށް ނަގާފައިވާ ފޮޓޯތައް ފަރުހާން އަދި ޝިބާނި ވެސް މީސް މީޑިޔާގައި ހިއްސާ ކޮށްފައި ވެއެވެ.
ފަރްހާނާއި ޝިބާނީގެ އިތުރުން ފިލްމު "ޗަޕަކް" އަދި "ހަސީން ދިލްރުބާ" ފަދަ ފިލްމުތަކުން ފެނިފައިވާ ތަރި ވިކްރާންތް މާސޭ އާއި ލޯބިވެރިޔާ ޝީތަލް ޓާކޫރުވެސް އިއްޔެ ވަނީ ކައިވެނިކޮށްފައެވެ.