މުނިފޫހިފިލުވުން

ބޫމީ ހާވާޑް ޔުނިވަސިޓީއަށް


ތިމާވެއްޓަށް އަންނަ ނުރަނގަޅު ބަދަލުތަކަކީ އަބަދުވެސް އެންމެންވެސް ދައްކަމުންދާ ވާހަކައެކެވެ. ދުނިޔޭގެ ބައެއް މަޝްހޫރު މީހުންވެސް ދަނީ ތިމާވެއްޓަށް ގެއްލުން ލިބޭ ކަންކަން ނުކުރުމަށް ގޮވާލައި މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރަމުންނެވެ.

މިގޮތުން "ޕަތީ ޕަތްނީ އޯރް ވޯ" ، "ދަމް ލަގާކޭ ހައިޝާ" އަދި "ޓޮއިލެޓް އޭކް ޕްރޭމް ކައްތާ" އިންވެސް ފެނުނު ބޮލީވުޑް އެކްޓްރެސް ބޫމީ ޕަޑްނޭކަރް އަކީވެސް ތިމާވެއްޓަށް ހާއްސަ ސަމާލުކަންދޭ އެކްޓްރެސްއެކެވެ.

ބޫމީ މިހާރު ތައްޔާރުވަމުން އަންނަނީ މުޅި ދުނިޔެއަށްވެސް މަޝްހޫރު ހާވާޑް ޔުނިވަސިޓީގެ ދަރިވަރުންނާއިއެކު ތިމާވެއްޓަށް އަންނަ ބަދަލުތަކާއިމެދު ވާހަކަދެއްކުމަށެވެ. މި ފުރުސަތު ލިބުމުން ބޫމީ ހުރީ އުފަލުން ފޮޅިފައެވެ.

ބޫމީ ބުނީ ތިމާވެއްޓަށް އަންނަ ބަދަލު ތަކާއިމެދު މީހުން ހޭލުންތެރިކުރުވުމަކީ އޭނާ އަބަދުވެސް ކުރާ ހިއްވާކަމެއްކަމަށެވެ. އަދި ހާވާޑް ޔުނިވަސިޓީއަކީ މިކަމުގައި އެންމެ ރަގަޅު ޕްލެޓް ފޯމް ކަމުގައިވެސް ބޫމީ ބުނެއެވެ.

ފިލްމުތަކަށް ކާސްޓިން ނެގުމުގައި ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރަމުން އައި ބޫމީ ފިލްމީ ކެރިއަރު ފެށީ 2015 ވަނަ އަހަރު ދެއްކި ފިލްމު "ދަމް ލަގާކޭ ހައިޝާ" އިންނެވެ. މި ފިލްމުގައި އޭނާ ކުޅެފައިވަނީ ކައިވެންޏަށް ކުރަން ބޭނުންވެފައި ހުރި ވަރަށް ފަލަ އަންހެނެއްގެ ރޯލެވެ.
ބޫމީ ކެމެރާ ކުރިމައްޗަށް ނުކުމެ ކުޅުނު ފުރަތަމަ ފިލްމުންވެސް އެނާ ވަނީ އެ އަހަރުގެ ފިލްމް ފެއަރ އެވޯޑް އުފުލާލާފައެވެ.

ބޫމީ އެންމެ ފަހުން ފެނުނީ މިއަހަރު ދެއްކި ފިލްމު "ބަދާއީ ދޯ" އިންނެވެ.