73 ވަނަ ގޯލްޑަން ގްލޯބް އެވޯޑް ދިނުމުގެ ހަފްލާގައި މިދިޔަ އަހަރުގެ
އެންމެ މޮޅު 2 ފިލްމަކަށް ރެވެނަންޓް އަދި މާރޝިއަން ހޮވިއްޖެއެވެ.
މަޝްހޫރު ތަރި ލިއަނާޑޯ ޑިކެޕްރިއޯ ހަރަކާތްތެރިވާ
ރެވެނަންޓްއަށް ވަނީ ޑްރާމާ ކެޓަގަރީއިން، ބެސްޓް މޯޝަން ޕިކްޗަރގެ އެވޯޑް ލިބިފައެވެ. މި ފިލްމުގައި ކުޅަދާނަ ހުނަރެއް ދައްކާފައިވާ ލިއޮނާޑޯ ޑިކެޕްރިއޯއަށް ވަނީ ޑްރާމާ
ކެޓަގަރީއިން އެންމެ މޮޅު އެކްޓަރުގެ ގޯލްޑަން ގްލޯބް ލިބިފައެވެ. މިކެޓަގަރީ އިން އެންމެ މޮޅު އެކްޓްރަސްގެ އެވޯޑް
ހާސިލްކުރީ 'ދަ ރޫމް' ގެ ތަރި ބްރީ ލާރސަންއެވެ.
'ދަ މާޝިއަން' އަށް ލިބުނީ ކޮމިޑީ އަދި މިއުޒިކަލް
ކެޓަގަރީއިން އެންމެ މޮޅު ފިލްމުގެ ގޯލްޑަން ގްލޯބެވެ. ފިލްމުގައި މުހިއްމު ރޯލެއް އަދާ ކުރާ މެޓް
ޑޭމޮންއަށް ވަނީ ކޮމިޑީ އަދި މިއުޒިކަލް ކެޓަގަރީއިން އެންމެ މޮޅު އެކްޓަރުގެ
ގޯލްޑަން ގްލޯބް ލިބިފައެވެ. މި ބައިން އެންމެ މޮޅު އެކްޓްރަސްގެ އެވޯޑް ހޯދީ
ޖޯއީގެ އެކްޓަރު ޖެނިފަރ ލޯރެންސެވެ. މިއީ އޭނާއަށް ލިބުނު 3 ވަނަ ގޯލްޑަން ގްލޯބެވެ.
އަހަރުގެ އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް
ދުވަސްވީ ފަންނާނު ސިލްވެސްޓަރ ސްޓެލޯންއަށް ލިބުނު އިރު ސަޕޯޓިން އެކްޓްރަސްގެ
ގޯލްޑަން ގްލޯބް ގެންދިޔައީ ފިލްމް 'ސްޓީވް ޖޮބްސް'ގެ ތަރި ކޭޓް ވިންސްލެޓެވެ.73 ވަނަ ގޯލްޑަން ގްލޯބް ހަފްލާގެ އެންމެ މޮޅު ޑައިރެކްޓަރގެ
އެވޯޑް ހާސިލްކުރީ 'ރެވެނަންޓް'ގެ ޑިރެކްޓަރ އެލިހަންޑްރޯ ގޮންޒާލެޒް އިނާރިއްޓޫއެވެ.