ފަނޑިޔާރުންނަށް ޗުއްޓީ ހަމަޖައްސަން ޖެހޭނީ ސްޕްރީމް ކޯޓުގެ ހުއްދަ ލިބިގެންކަމަށް އެކޯޓުން ކަނޑައަޅުއްވައިފިއެވެ. ސްޕްރީމް ކޯޓުން މިއަދު ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ މިހާރަކަށް އައިސް އެއްފަހަރާ ގިނަ ޢަދަދެއްގެ ފަނޑިޔާރުން ޗުއްޓީގައި ތީބޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކޯޓްތަކުގައި ޝަރިޢާތް ބޭއްވުމަށް ހަމަޖެހިފައިވާ ޖަދުވަލްގައި ވާގޮތަށް ޝަރީޢާތް ބޭއްވެވުމަށް ހުރަސް އެޅެމުންދާކަމަށް ސުޕްރީމް ކޯޓުގެ ސިޓީގައިވެއެވެ. އެހެން ކަމުން މިއަދު ފެށިގެން އެއްވެސް ކޯޓެއްގެ ފަނޑިޔާރެއްގެ ޗުއްޓީ ހަމަޖައްސަންވާނީ ސްޕްރީމް ކޯޓްގެ ހުއްދަ ލިބިގެންކަމަށް އެކޯޓުން އާއްމުކުރެއްވި ސިޓީގައިވެއެވެ. މީގެ އިތުރުން މައްސަލަ ބެލުމަށް ފަނޑިޔާރުން ތަނާޒުލްވާންޖެހޭނީވެސް ސްޕްރީމް ކޯޓުން ހުއްދަލިބެގެންކަމަށް އެކޯޓުން ކަނޑައަޅާފައިވެއެވެ.މައްސަލަތަކުން ތަނާޒުލްވުމާ ގުޅޭ ގޮތުން ސްޕްރީމް ކޯޓުން މިއަދު ނެރުއްވި ސިޓީގައި ބުނެފައިވަނީ މިހާރަކަށް އައިސް ގިނަ ޢަދަދެއްގެ ފަނޑިޔާރުން މަޤްބޫލް ސަބަބެއް ނެތި މައްސަލަތަށް ބެލުމުން ތާނާޒުލްވަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އަވަސްކަމާއެކު ފޯރުކޮށްދޭންޖެހޭ އަދުލު އިންސާފް ގައިމުކުރުމުގެ މަސައްކަތައްކަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަމަށް ސްޕްރީމްކޯޓްގެ ސިޓީގައި ބުނެފައިވެއެވެ. އެހެންކަމުން މީގެ ފަހުން އެއްވެސް ފަޑިޔާރަކު މައްސަލައަކުން ތަނާޒުލްވާންޖެހޭނީ ސްޕްރީމްކޯޓުގެ ހުއްދަ ލިބިގެންކަމަށް އެކޯޓުން މިއަދު ނެރުއްވި ސިޓީގައިވެއެވެ.