މުނިފޫހިފިލުވުން

ގަރުނަކަށްފަހު މިނީ މައުސްގެ ހެދުން ބަދަލުވަނީ


ޑިޒްނީގެ މަޝްހޫރު ކެރެކްޓަރ މިނީ މައުސް އޭ ބުނުމުން އަބަދުވެސް ސިފަވަނީ ހުދު އަންގިއަކާއި ހުދު ތިކި ޖެހި ރަތް ހެދުމެއްގައި ބޮޑު ޓައިއެއް ޖަހާފަ އިންނަ ބޭންޑެއް ބޮލުގައި އަޅައިގެން ތިރި ފައިވާނަކަށް އަރައިގެން ހުންނަ ނިކަން ތުއި އަންހެން މައުސްއެކެވެ. ގާތްގަޑަކަށް ގަރުނަކަށްފަހު ޑިޒްނީ މިވަނީ މިނީގެ މި ލުކް ބަދަލުކޮށްލަން އައު ހެދުމެއް މިނީގެ ވާރޑްރޯބަށް އިތުރުކުރަން ނިންމާފައެވެ.

މިނީގެ މި ފަހަރުގެ ޑިޒައިނަރަކީ އިނގިރޭސި ފެޝަން ޑިޒައިނާ ސްޓެއްލާ މެކްކާޓްނީއެވެ. އިންޓަނެޓްގައި މި ހެދުން ހުންނަގޮތް ދައުރު ވަމުން ދިޔަ ނަމަވެސް މިނީގެ ފުލް މޭކްއޯވާ އެއް ފެންނާނީ މިއަދުއެވެ. މިނީ އަށް އައު ހެދުމަށް މި ލިބެނީ މިއަދު ދުނިޔޭގެ ހުރިހާ ހިސާބެއްގައި ފާހަގަކުރާ އަންހެނުންގެ ދުވަހާއި ގުޅުވައިގެންނެވެ. އަންހެނުންގެ ދުވަހުގެ އިތުރުން މިއަދަކީ ޕެރިސްގައި ހުންނަ ޑިޒްނީ ލޭންޑަށް 30 އަހަރުވެސް ފުރޭ ދުވަހެވެ.

މިނީގެ މިފަހަރުގެ ޑިޒައިނާ ސްޓެއްލާ ބުނާގޮތުން މިނީ މިފަހަރު ފެންނާނީ ޕޭންޓްސޫޓް ނުވަތަ ކޯޓު ފަޓުލޫނުގައެވެ. ނޫކުލައިގެ ސޫޓްގައި ކަޅު ތިކި ޖަހާފައި އެއާއި އެއްކުލައިގައި ބޮލުގައި ޖަހާ ޓައީއެވެ. ސްޓެއްލާ ބުނާގޮތުން މިނީ އަކީ އަބަދުވެސް އޭނާގެ ހިތުގައި ހާއްސަ މަގާމެއް ދެވިފައިވާ ކެރެކްޓައެކެވެ. އެހެންކަމުން އައު ބަދަލާއި އެކުވެސް މިނީ ފެންނާނީ ވަރަށް އުފާވެ ހިނިތުންވެފައި ހުއްޓާކަމަށްވެސް ސްޓެއްލާ ބުނެއެވެ.

މީނީގެ ހެދުން ބަދަލުކޮށްލާ މީ ފުރަތަމަ ފަހަރުކަމަށް ޑިޒްނީން ބުނި ނަމަވެސް ބައެއް މީހުން ބުނާގޮތުން މީގެކުރިންވެސް ޑިޒްނީ މިނީގެ ހެދުމަށް ބައެއް ބަދަލުތައް ހުރީ ގެނެސްފައެވެ.
މިގޮތުން 2019 ވަނަ އަހަރު ޑިޒްނީން ނެރުނު ޑިޒްނީ ކްރޫޒް ލައިންގައި ކެޕްޓަން މިނީ ތައާރަފްކޮށްފައިވަނީ ރަތާއި ހުދު ކުލައިގެ މެރިޓައިމް ޔުނިފޯމެއްގައި ކަމަށް އެމީހުން ބުނެއެވެ.

ޕޭންޓްސޫޓަކީ ދުނިޔޭގެ އެކި ތަންތަނުގައި އާންމުކޮށް މީހުން ލާ އުޅޭ ލާން ފަސޭހަ އެއްޗެކެވެ. އަދި މިއީ ބައެއް މަޝްހޫރު މީހުންވެސް އާންމުކޮށް ލާ އުޅޭ ހެދުމަކަށްވަނީ ވެފައެވެ. އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން އަދި އެމެރިކާގެ މިހާރުގެ ނާއިބު ރައީސް ކަމަލާ ހަސަނަކީ މިގޮތުން ފާހަގަކޮށްލެވޭ ދެ މީހުންނެވެ.