މުނިފޫހިފިލުވުން

އެންމެ ފަހުން "ވޮންޑަރ ވުމަން" އާ އެކު އާލިއާ ހޮލީވުޑަށް


ބޮލީވުޑްގައި މި ދުވަސްކޮޅު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫ ބާއީ" ގެ ވާހަކަތަކެވެ. ފިލްމުގެ މޮޅުކަމާއި ފިލްމުގެ ލީޑުން ފެނިގެންދިޔަ އާލިއާގެ މޮޅު އެކްޓިންގެ ވާހަކައެވެ.

މި ފިލްމުގެ ފައިދާ 100 ކްރޯޑަށް އަރާފައިވާއިރު އާލިއާގެވެސް މި ވަނީ އިތުރު ހަރުފަތަކަށް ޖެހިލާފައެވެ. އާލިއާ ހޮލީވުޑަށް ނުކުންނަށް ތައްޔާރުވަމުންދާ ވާހަކަ މީގެ ދުވަސްކޮޅެއް ކުރިން އިވުނެވެ. މިހާރު މިވަނީ އެކަންވެސް ކަށަވަރުވެ އާލިއާ ހޮލީވުޑްގެ ތަރިންނާއި އެކު ދާދި އަވަހަށޤ ފެންނާނެކަން ކަށަވަރުވެފައެވެ.

އާލިއާ ހޮލީވުޑަށް ތައާރަފުވަނީ ނެޓްފްލިކްސްއިން ދައްކަން ހަމަޖެހިފައިވާ "ހާޓް އޮފް ސްޓޯން" އިންނެވެ. ފިލްމު ފެއަރ އެވޯޑުވެސް 4 ފަހަރަށް އުފުލާލާފައިވާ ކުޅަދާނަ އެކްޓަރެސް މި ފިލްމުގައި ފެންނާނީ "ވޮންޑާ ވުމެން" ގެ ތަރި ގާލް ގެޑޮޓް އާއިއެކުގައެވެ. މި ދެމީހުންގެ އިތުރުން ޖެމީ ޑޮނާންވެސް މި ފިލްމުގައި ފެންނާނެއެވެ.

ސްޕައި ތްރިލާ އެއްކަމަށްވާ "ހާޓް އޮފް ސްޓޯން" ޑައިރެކްޓުކުރާނީ "ދަ އެއިރޯނޮޓްސް" ، "ވިމެން އިން ބްލެކް" އަދި "ވައިލްޑް ރޯޒް" ފަދަ ފިލްމުތަކުގެ ޑައިރެކްޓަރ ޓޮމް ހާޕާ އެވެ.

އާލިއާ އެންމެ ފަހުން ފެނިފައިވަނީ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއިކާތިއާވާޅީ" އެވެ. މީގައި އަލިއާ ދައްކާފައިވާ ހުނަރަށް ތައުރީފު އަންނަނީ އޮހެމުންނެވެ. އާލިއާ ދެން ފެންނަން ތައްޔާރުވަމުން އަންނަ ފިލްމަށްވެސް އެތައް ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ. ދެކުނުގެ ކުޅަދާން ޑައިރެކްޓަރ ރާޖްމޯލީގެ "އާރްއާރްއާރް" ގައި އާލިއާ ފެނިގެންދާނީ ދެކުނުގެ އެންމެ މަޝްހޫރު ދެ ތަރިންނާއިއެކުއެވެ. ރިލީޒްކުރަން ޮއތް ތާރިހު އެތައް ފަހަރަކު ލަސްކުރި މި ފިލްމު މިމަހުގެ 25ގައި ސިނަމާތަކަށް އަންނާނެއެވެ.

2019 ވަނަ އަހަރު ދެއްކި އާލިއާގެ "ގަލީ ބޯއީ" އެ އަހަރުގެ ބާލިން ފެސްޓިވަލްގައި ޕްރިމިއާކޮށްފައިވާއިރު މި ފިލްމުވެސް ވަނީ ބޮޑު ހިޓަކަށްވެ 25 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.