މުނިފޫހިފިލުވުން

ރިޝީގެ ފަހު ފިލްމު މިމަހުގެ ފަހު ދުވަހު


އިންޑިއާގައި އެންމެ މޮޅު އެއް އެކްޓަރ ބޮލީވުޑް ލެޖެންޑް ރިޝީ ކަޕޫރުގެ އެންމެ ފަހު ފިލްމު މިމަހުގެ އެންމެ ފަހު ދުވަހު ރިލީޒްކުރަން ނިންމައިފިއެވެ.

ރިޝީ އެންމެފަހުން މަސައްކަތްކޮށްފައިވަނީ ފަރްހާން އަހްތަރާއި ރިތޭޝް އެކްސެލް އެންޓަޓެއިންމަންޓުން އުފައްދަމުންދިޔަ "ޝަރުމާޖީ ނަމްކީންސް" އެވެ. އެހެންނަމަވެސް ކެންސަރަށް ފަރުވާ ހޯދަމުން ގެންދަނިކޮށް މިދިޔަ އަހަރުގެ އޭޕްރިލް 30ގައި ރިޝީ މަރުވެފައިވަނީ ފިލްމުގެ މަސައްކަތް އެއްކޮށް މުޅިން ނުނިމެނީހެވެ.

މިހާރު ތާވަލުކޮށްފައިވާ ގޮތުން މި ފިލްމު ރިލީޒްކުރާނީ މިމަހުގެ 31 ވަނަދުވަހު އެމޭޒަން ޕްރައިމްގައެވެ.

ރިޝީގެ އުފަންދުވަހާއި ދިމާކޮށް އެކްސެލުން މި ފިލްމުގެ ފަސްޓްލުކް ރިޝީގެ ފޭނުންނަށް ދޫކޮށްލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަދުވަހުއެވެ. މި ފިލްމުގައި ރިޝީއަށް ފުރިހަމަ ނުކުރެވުނު ބައި އޭނާގެ ބަދަލުގައި ކުޅެދީފައިވަނީ ޕަރޭޝް ރަވޭލްއެވެ. ރިޝީ ފިލްމުގައި ފެންނާނެ ގޮތުގެ ޕޯސްޓަރާއި އެކު ޕަރޭޝްވެސް ފެންނާނެ ގޮތް އެކްސެލުން ވަނީ ދައްކާލާފައެވެ. މި ފިލްމުގައި ޖޫހީވެސް މުހިއްމު ރޯލެއް އަދާކުރެއެވެ.

ރިޝީ އާއި ޕަރޭޝްވެސް ފެންނަ ޕޯސްޓަރު ދައްކާލުމަށްފަހު އެކްސެލުން ބުނީ ރިޝީގެ ފަހު ފިލްމު ގެނެސްދޭވޭތީ ފަޚްރުވެރިވާކަމަށެވެ. އަދި މިއީ ރިޝީގެ މިލިއަނުން ގުނާލެވޭ ފޭނުންނަށް ދޫކޮށްލާ ހަދިޔާއެއްކަމަށްވެސް އެކްސެލުން ވަނީ ބުނެއެވެ.

އެކްސެލް އެންޓަރޓެއިންމަންޓާއި މެކްގަފިން ޕިކްޗާރސްއިން ޕްރޮޑިއުސްކުރި މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ހިތޭޝް ބާޓިއާއެވެ. މި ފިލްމު އުފައްދާފައިވަނީ ސާދާ މިޒާޖެއްގެވެރި 60 އަހަރުގެ ދުވަސްވީ މީހަކަށް ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށެވެ.

ބޮލީވުޑްގެ ސުޕަރސްޓަރ ބިގް ބީ ނުވަތަ އަމީތާބާއި އެކު ގިނަ ފިލްތަކުން ފެނިގެންގޮސްފައިވާ ރީޝީ ވަނީ ކާމިޔާބު އެތައް ފިލްތަކެއް ބޮލީވުޑްގެ ސްކްރީންނަށް ދޫކޮށްލާފައެވެ. ރިޝީ ކަޕޫރް ގިނަ ބަޔަކަށް ފާހަގަވެގެން އައީ އެނާ އެންމެ ފުރަތަމަ ލީޑް ރޯލުން ފެނިގެންދިޔަ "ބޮބީ" އިންނެވެ. 1973 ގައި ނުކުތް މި ފިލްމުން އެނާއަށް އެ އަހަރުގެ ބެސްޓް އެކްޓަރގެ ފިލްމް ފެއަރ އެވޯޑް ލިބިފައިވެއެވެ. އެހެންނަމަވެސް 2017 ވަނަ އަހަރު ނުކުތް ރިޝީގެ ބައޮގްރަފީގައި އޭނާ ބުނެފައިވަނީ އެފަހަރުގެ އެވޯޑް އޭނާއަށް ލިބުނީ ގަނެ އެކަމަށް ފައިސާ ދައްކައިގެން ކަމަށެވެ.