ދުނިޔެ

އީރާނުން، އެމެރިކާ ކަނޑުގެ ސިފައިންގެ 10 މީހަކު ހައްޔަރުކޮށްފި


ގަލްފުގައި ހަރަކާތްތެރިވާ
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރަކުން އެމެރިކާގެ ކަނޑުގެ ސިފައިންގެ ދެ
ބޯޓު ހިފަހައްޓައި އަދި އެ ދެބޯޓުގައި ތިބި އެމެރިކާ ސިފައިންގެ 10 މީހުން
ހައްޔަރުކޮށްފިއެވެ.
އެމެރިކާގެ އަސްކަރީ މި ދެބޯޓަކީ ކުވައިތާއި ބަހްރައިނާއި ދެމެދު ދަތުރުކުރަމުން
ގެންދިޔަ ދެބޯޓުކަމަށާ މިދެބޯޓު އީރާނުގެ ކަނޑުގެ ސަރަހައްދަށް ވަދެފައިނުވާ
ކަމަށް އެމެރިކާއިން ބުނެއެވެ. އީރާނުން ބުނީ މިދެބޯޓާއި އޭގައި ތިބި އެމެރިކާ
ސިފައިން ހައްޔަރުކުރީ އީރާނުގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަނުމާ
ގުޅިގެންކަމަށެވެ. އެމެރިކާއިން ވަނީ މިދެބޯޓާއި އެމެރިކާ ސިފައިންގެ 10 މީހުން
ވަރަށް އަވަހަށް މިނިވަންކޮށް ދޭނެކަމުގެ ޔަގީންކަން އީރާނުން ދީފައިވާކަން
ހާމަކޮށްފައެވެ.



މިމައްސަލާގައި އީރާނުގެ ޚާރިޖީ
ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އާއި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީވަނީ
ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. އީރާނުން ހައްޔަރުކޮށްފައިވާ
އެމެރިކާގެ ސިފައިންގެ 10 މީހުން ވަރަށް އަވަހަށް މިނިވަންކޮށްދޭނެކަމުގެ
ޔަގީންކަން އީރާނުގެ ޚާރިޖީ ވަޒީރު، އެމެރިކާގެ ޚާރިޖީ ވަޒީރަށް ދެއްވި ކަމަށް
އެމެރިކާގެ ޚާރިޖިއްޔާއިން ބުނެއެވެ.



މިހާދިސާ ހިނގާފައިމިވަނީ
އީރާނާއި އެމެރިކާއާ ދެމެދުގައިވާ ހަތުރުވެރިކަން ކުޑަވެ ދެގައުމު ގާތްވަމުންދާ
ދުވަސްވަރެއްގައެވެ. އެހެންކަމުން މިހާދިސާގެ ސަބަބުން ދެގައުމުގެ ގުޅުންތައް
އަލުން ގޯސްވާ ހިސާބަށް ކަންތައްތައް ގެންދިޔުމަކީ ދެގައުމަށްވެސް މަސްލަހަތު
ހުރިކަމެއްނޫންކަމަށް މުރާސިލުން ބުނެއެވެ.