ޚަބަރު

ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ


ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ
މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި،
މިކަމުގައި ބައިނަލްއަޤްވާމީ ދުނިޔެއާއެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް
ކުރަމުން ގެންދާނެ ކަމަށް ރަޢީސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމް
ވިދާޅުވެއްޖެއެވެ.



ރައީސުލްޖުމްހުރިއްޔާ މިހެން ވިދާޅުވީ، ތުރުކީވިލާތާ ޕާކިސްތާނުގައި ދީފައިވާ
ޓެރަރިސްޓް ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ
ގުޅިގެން މިކަމުގެ ހިތާމައިގައި، ޕާކިސްތާނާ ތުރުކީވިލާތުގެ ރައީސުންނަށް ރައީސުލްޖުމްހޫރިއްޔާ
ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮނުއްވި ހަމްދަރުދީގެ މެސެޖެގައެވެ.



ޕާކިސްތާނުގެ ކުއެއްތާގައި ހުންނަ ޕޯލިއޯ ވެކްސިންދޭ މަރުކަޒެއްގެ ކައިރީގައި
ދިން މި ހަމަލާގައި ސާދަ މީހުން މަރުވިއެވެ.  



ބަލޮޗިސްތާނުގެ ވެރި ރަށަށް އަމާޒުކޮށް ދިން މި ހަމަލާގައި ވިހި މީހުން ޒަޚަމްވެފައިވާ
ކަމަށް ޚަބަރު ލިބެއެވެ.



މި ހަމަލާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނުގެ ރައީސް މަމްނޫން
ހުސެއިންއަށް ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި،
ފުން ހިތާމައާއެކު ކަމުގައި ވިދާޅުވިއެވެ.



އަދި، ޕާކިސްތާނުން އެޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށްޓަކާ
ކުރަމުންދާ މަސައްކަތުގައި ޕާކިސްތާނަށް އެއްބާރުލުން ދެއްވާނެ ވާހަކަ
ދަންނަވަމުން، ޕާކިސްތާނުގައި މި ހިނގި ޓެރަރިޒަމްގެ ފިނޑި ޢަމަލު، ދިވެހި
ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ
ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވެއެވެ.



ތުރުކީވިލާތުގެ އިސްތަންބުލަށް އިއްޔެ ދިން ހަމަލާގައި 10 މީހުން މަރުވެފައިވެއެވެ.




މި ހަމަލާއަށް ފަހު ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދުޣާނަށް
ރައީސުލްޖުމްހުރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި ވަނީ ތުރުކީގައި މިހިނގި
ޓެރަރިޒަމްގެ ފިނޑި ޢަމަލު، ދިވެހި ރާއްޖޭގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން
ކުށްވެރިކުރައްވާފައެވެ.