ކްލަބް އީގަލްސްގައި މޮޅު ކުޅުމެއް ދެއްކި އަހްމަދު ހަސަން (އަންމަޑޭ) މުޅިން އަލަށް ގައުމީ ޓީމަށް ނަގައިިފި އެވެ.
ބަންގްލަދޭޝް އާދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު ކުޅޭ މެޗަށް ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އެކުލަވާލި ޓީމުން އެންމެ ފާހަގަ ކުރެވުނު ބަދަލަކީ އަންމަޑޭ އާއި އީގަލްސްގެ އަހްމަދު ރިޒްވާން (ރިޒޭ)ގެ އިތުރުން ވެލެންސިއާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އާއި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު ގައުމީ ސްކޮޑުގައި ހިމަނައިފައި ވުމެވެ.
މާޒިޔާގެ މިޑްފީލްޑަރު ހަސަން ޝިފާޒު (ޑުންގާ) އަކީ ވެސް ޓީމަށް އިތުރުވި ފާހަގަ ކުރެވޭ އަނެއް ނަމެވެ. ގައުމީ ޓީމަށް އޭނާ ނެގީ ދިގު މުައްދަތަކަށް ފަހު އެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި އަނިޔާވުމުން ކުޅުމާ ދުރުގައި ހުރި އަލީ ފާސިރު (ސެންޓޭ) އަށް ވެސް ވަނީ ގައުމީ ޓީމުން ފުރުސަތު ދީފަ އެވެ. ލީގުގެ ފުރަތަމަ ބުރުގައި އޭނާ އެއްވެސް މެޗެއްގައި ކުޅެވޭ ވަރަށް ފިޓް ނުވި އެވެ.
ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް އަނިޔާ ވެފައިވުމުން ޕްރެޒިޑެންޓްސް ކަޕުގައި ވެސް އަދި ލީގުގައި ވެސް އެއް ވެސް މެޗެއް ނުކުޅެ އެވެ. އެހެންވެ އޭނާ ސްކޮޑްގައި ހިމަނައިފައި ނުވެ އެވެ.
ލީގުގައި މޮޅަށް ކުޅުނު އިރު ވެސް ސްކޮޑުން ފުރުސަތު ނުލިބުނު ފާހަގަ ކުރެވޭ އަނެއް ކުޅުންތެރިޔަކީ ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އެވެ. ގައުމީ ޓީމާއި ބަންގްލަދޭޝްގެ ގައުމީ ޓީމު ވާދަކުރާ އެކުވެރި ކަމުގެ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ރަސްމީ ބޯޅަދަނޑުގައެވެ.
އެންމެފަހުން މި ދެޓީމު ވާދަކުރި މެޗުން ރާއްޖެ ވަނީ ބަންގަލަދޭޝް އަތުން ބަލިވެފައެވެ.