ކުޅިވަރު

އަގުއޭރޯ ފުޓްބޯޅައަށް އެނބުރިއަންނަން ވިސްނަނީ


ހިތުގެ މައްސަލައެއް ޖެހިގެން ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލައިގެން ހުރި އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯއަށް އަލުން ފުޓްބޯޅަ ކުޅެވިދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ބުނެފިއެވެ.

އަގުއޭރޯގެ އެ ވިސްނުން ބަދަލުވީ ފާއިތުވި ދުވަސްތަކުގައި އޭނާގެ ސިއްހީ ހާލަތަށް އައި ބަދަލުތަކުގެ ސަބަބުންނެވެ. މި ސީޒަން ފެއްޓުމުގެ ކުރިން މެންޗެސްޓާ ސިޓީ ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އަގުއޭރޯ ބާސެލޯނާ އަށް ބަދަލުވި ނަމަވެސް އޭނާ އަށް އެ ޓީމުގެ ޖޯޒީގައި ކުޅެވުނީ ފަސް މެޗެވެ.

އަގުއޭރޯ ކުޅުން ހުއްޓާލަން ލަފާދިނީ ހިތުގެ މައްސަލަތަކުގެ ސަބަބުން އޭނާގެ މެޑިކަލް ޓެސްޓްތައް ހަދަމުން އައި ޑޮކްޓަރުންގެ ޓީމުންނެވެ. ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ފުރަަތަމަ ކުޅުނީ އޮކްޓޫބަރު 30 ވަނަ ދުވަހު އަލަވޭސްއާ ދެކޮޅަށެވެ.

އެ މެޗުގެ 41 ވަނަ މިނިޓްގައި އަގުއޭރޯ އަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ބަދަލުކުރި އެވެ. އެއީ ރަސްމީ މެޗަކަށް އަގުއޭރޯ ކުޅުނު ފަހުމެޗެވެ. ގަތަރުގައި މި އަހަރު ނޮވެމްބަރު އަދި ޑިސެމްބަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ދާ އާޖެންޓީނާގެ ސްކޮޑުގައި އޮފިޝަލެއްގެ ގޮތުގައި އަގުއޭރޯގެ ނަން ހިމަނަން އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައެވެ.