ޚަބަރު

މަހުގެ ވިޔަފާރިކުރުމަށް ދިއްދޫން ބިމެއް ކުއްޔަށް ދޫކުރަނީ


މަސް ކައްކާ ހިއްކުމަށާއި، މަހުގެ ވިޔަފާރި ކުރުމަށް ހއ.ދިއްދޫން ވަގުތީގޮތުން ބިމެއް ދޫކުރުމަށް ހުޅުވާލައިފިއެވެ. މިބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ދިއްދޫގެ ދެކުނު ސަރަހައްދުންނެވެ. މިސަރަހައްދުން 2 އަހަރު ދުވަހަށް ބިން ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1600 އަކަފޫޓުގެ ބިމެވެ.

ދިއްދޫއަކީ މަސް ކައްކައި ހިއްކައި، މަހުގެ ވިޔަފާރި މިހާރުވެސް ކުރަމުން އަންނަރަށެއް ކަމުން ދިއްދޫގައި މަސް ކައްކާ ހިއްކުމަށާއި، މަހުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށް ނިންމީ ދިއްދޫ ކައުންސިލްގެ 3ވަނަ ދައުރުގެ 34ވަނަ އާއްމު ބައްދަލުވުމުގައެވެ.

ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބީލަމުގައި ރަޖިސްޓަރީ ވުމުގެ ފުރުޞަތު އެ ކައުންސިލުން ވަނީ 5 އެޕްރީލުން ފެށިގެން 13 އޭޕްރީލް 2022 ގެ ނިޔަލަށް ހުޅުވާލާފައެވެ. ބީލަމުގައި ރަޖިސްޓަރީވުމަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ ކަނޑައެޅިފައިވާ މުއްދަތުގައި [email protected] މެއިލް ކޮށްގެން ބީލަމުގައި ރަޖިސްޓަރީވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

ބީލަން ހުށަހަޅާއިރު އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ ބިމުގެ އަކަފޫޓަކަށް މަހަކު އަށްޑިހަލާރި ކަމަށާއި ބިން ކުއްޔަށް ދެވޭނީ، ހުށަހެޅޭ ބީލަންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ފަންސާސް ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށާއި، ރަޖިސްޓްރޭޝަން އަށް ދައްކާ ފައިސާއަކީ، އަނބުރާ ލިބޭނެ ފައިސާއެއް ނޫން ކަމުގައި އެ ކަންސިލުން ވަނީ ހާމަ ކޮށްފައެވެ.

މިކަމާއި ގުޅިގެން ކައުންސިލުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް މިހިނގާ އޭޕްރީލްމަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ 10:45 ގައި ދިއްދޫ ކައުންސިލްގެ އިދާރާގައި ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.