ރ.ފައިނު ފެނާ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ފެން އުފެއްދާ އާރުއޯ ޕްލާންޓް ބަހައްޓާ ޢިމާރާތުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމައިފިއެވެ. އެ ކުންފުނިން ބުނީ މި މަސައްކަތުގައި ހިިމެނޭ ބޯހޯލް ތޮރުފުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށެވެ.
480 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ފައިނުގައިވެސް ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއް ޤާއިމުވެފައި ނެތުމަކީ އެ ރަށު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި ރަށުގެ ރައްޔިތުން ތިބީ މިކަމަށް އަވަސް ހައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ފައިނުގައި ފެނާ ނަރުދަމާ ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ފެށީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައެވެ. މި މަސައްކަތުގެ ދަށުން އާރުއޯ ބިލްޑިން ނިންމާ ބޯހޯލް ތޮރުފުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. ފައިނު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ފައިސަލް ވިދާޅުވީ ރަށުގެ ބޮޑުބައެއްގައި ނަރުދަމާ އާއި ފެންހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި އެ މަސައްކަތް ނުނިމި އޮތީ ރަށުގައި އަލަށް މީހުން އާބާދުކުރާ ސަރަހައްދުގައިކަމަށެވެ. އެ ސަރަހައްދުގައި ހޮޅި ވަޅުލުމުގެ މަސައްކަތް ފެށޭނީ މަގުތައް ހެދުމުންކަމަށްވާތީ އެ މަސައްކަތް ބަޔަކާއި ހަވާލުކޮށްގެން މިހާރު ކުރަމުން އަންނަކަން ފައިސަލް ފާހަގަކުރެއްވިއެވެ.
ރ.ފައިނު ފެނާ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މިމަޝްރޫޢުގެ ދަށުން އެރަށުގައި 5.38 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް ޤާއިމުކުރާނެއެވެ. ޖުމުލަ 130 ގެއަކަށް ފެނުގެ ޚިދުމަތް ގުޅައިދޭނެއެވެ. އަދި ފެން އުފެއްދުމަށް އެރަށުގައި ބަހައްޓާ ދެ އާރްއޯ ޕްލާންޓުން ދުވާލަކު ވިހި ޓަނުގެ ފެން އުފައްދައި އެ ފެން ރައްކާކުރުމަށް 175 އަކަ މީޓަރުގެ 2 ތާނގީއާއި ވާރޭފެން ރައްކާކުރުމަށް 490 އަކަމީޓަރުގެ ފެން ރައްކާކުރެވޭ ވަރުގެ އެއް ތާނގީ ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ވާރޭ ފެން ހިންދުމަށް ޚާއްސަ ނިޒާމެއްވެސް އެރަށުގައި ޤާއިމް ކުރާނެއެވެ. މި ތާނގީތައް ބަހައްޓާ ބުޑުއެޅުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 4.86 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 130 ގޭބިސީއަކަށް ކަނެކްޝަން ގުޅައިދޭނެއެވެ. އަދި ޕަމްޕްސްޓޭޝަން ޤާއިމްކޮށް ސީ އައުޓްފޯލެއް އަޅައި 1.53 ގެ ޕަންޕިން މެއިންއެއް ޤާއިމް ކުރުންވެސް ހިމެނެއެވެ.
ރ.ފައިނު ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ 15 ނޮވެމްބަރުމަހުގެ 15 ވަނަދުވަހުއެވެ. އެކުންފުނިން މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރުގައެވެ. ދައުލަތުގެ ބަޖެޓުން 63.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް އަންނަ ޖޫންމަހުގެ 5 ވަނަދުވަހަށް ނިންމަންވަނީ ތާވަލުކޮށްފައެވެ.