ޚަބަރު

ހުޅުދުއްފާރު ރައްޔިތުންގެ އެދުން، މަގުތައް ޒަމާނީވުން، މަސައްކަތް ފަށައިފި


ރ.ހުޅުދުއްފާރުގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މިކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައިދެއްވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ މޫސާ އަލީ މަނިކުއެވެ.

އާބާދީގައި 1500އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރ. ހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުއަކީ، މަގު ހެދުމަށް އެރަށުގައި ކުރިއަށް ގެންދާ ފުރަތަމަ މަޝްރޫޢުއެވެ.

ރ.ހުޅުދުއްފާރުގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއެކު ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރިލްމަހުއެވެ. މަގުތައް ހެދުމުގެ ޢަމަލީ މަސައްކަތް މިދިޔަ ބުދަދަދުވަހު ވަނީ ފަށާފައެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކްއެވެ.

ހުޅުދުއްފާރުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ 3.2 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ހަދާނެއެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ސަރަހައްދުގެ އިތުރުން ދެން ހަދާނީ ރަށުގައި އެންމެ ގިނައިން ބޭނުންކުރަމުން އަންނަ މައި 5 މަގެވެ.

ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުޙައްމަދު އާތިފް ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ މަގު ހެދުމުގެ މަސައްކަތްކަތަކީ އެރަށުގެ ރައްޔިތުން އަބަދުވެސް ބޭނުންވެފައި ތިބި، ރަށަށް ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ.

ޚާއްސަކޮށް ރަށަކީ ފަސް ހަރު ރަށަކަށް ވުމާއިއެކު، ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވެ، ޗަކަ ވުމުގެ ތަކުލީފު ރައްޔިތުން ވަރަށް ބޮޑަށް އުފުލަން ޖެހިފައިވާކަމަށެވެ. މިކަމުގެ ސަބަބުން ދުއްވާ އުޅަނދުތަކާއި، މީހުންވެސް ގެއްލުންވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ބަނދަރު ސަރަޙައްދު ހިމެނޭގޮތަށް 6 މަގު މިހިމެނެނީ. ރައްޔިތުން އެންމެ ގިނައިން ބޭނުންކުރާ އެތެރޭގެ 5 މަގު އެބަ ހިމެނޭ. ސްކޫލާއި ސަރުކާރުގެ އޮފީސްތަކާއި، އަދި ބަނދަރު ސަރަޙައްދުގައި ތާރު އެޅުން ވާނީ ވަރަށް ބޮޑު ލުޔަކަށް." ކައުންސިލްގެ ރައީސް އާތިފް ވިދާޅުވިއެވެ.

މި މަޝްރޫޢުގައި ދަށުން ހުޅުދުއްފާރުގައި ފެންހިންދާ ނިޒާމު ޤާއިމުކުރާނެއެވެ. އަދި މަގު ބައްތި ޖެހުންވެސް ހިމެނެއެވެ. މި ޕްރޮޖެކްޓްގެ ކާސްޓިން މަސައްކަތްތައް ރަށުގެ އާރްޑީސީ ސައިޓްގައި ފަށައިގެންދަނީ ކުރިއަށް ގެންދަމުންނެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހުޅުދުއްފާރު މަގުތައް ހެދުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 88.9 މިލިއަން ރުފިޔާއަށެވެ.