ކުޅިވަރު

އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއި ކެޓުމުގެ ބިރާ ކުރިމަތިވެއްޖެ


އިންޑިޔަން ޕްރިމިއަރ ލީގުގައި ޕަންޖާބް ކިންގްސް އަތުން ބަލިވެ ޗެންނާއި ސުޕަކިންގް ލީގު ބުރުން ކެޓުމުގެ ބިރާ ކުރިމަތިވެއްޖެއެވެ.

ޕަންޖާބު ކިންގްސް އަތުން ޗެންނާއީ ބަލިވީ 11 ލަނޑުންނެވެ. މެޗުގެ ޓޮސް ދިމާވުމުން ޗެންނާއީން ނިންމީ ފުރަތަމަ ޕަންޖާބަށް ބެޓްކުރަން ފުރުސަތު ދޭށެވެ. ޕަންޖާބު ކުޅެން އަރައި 20 އޯވަރުގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 187 ލަނޑު ހެދި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޕަންޖާބުގެ ޝިކަރު ދަވަން ނުބައި ނުވެ 59 ބޯޅައިން 88 ލަނޑު ހެދިއިރު، ބަނުކާ ރާޖަޕަކްސަ 32 ބޯޅައިން 42 ލަނޑު ހެދި އެވެ. ޖަވާބުގައި ޗެންނާާއީ ކުޅެން ނުކުމެ 20 އޯވަރުގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 176 ލަނޑެވެ. ޗެންނާއިން އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 78 ލަނޑު ހެދި އަންބަތީ ރަޔޫޑޫ އެވެ.

މި މެޗުން ހޯދި މޮޅާ އެކު ޕަންޖާބަށްވަނީ ޕްލޭ އޮފް ޖާގަ އެއް ހޯދުމުގެ އުއްމީދު އާވެފަ އެވެ. ބާކީ އޮތް ހަ މެޗުގެ ތެރެއިން އެ ޓީމް މޮޅުވާން ޖެހެނީ ހަތަރު މެޗުންނެވެ. އަދި މި މޮޅާ އެކު އެ ޓީމު ވަނީ ތާވަލްގެ ހަ ވަނައަށް ކުރިއަށް ޖެހިލާފަ އެވެ.

ޗެންނާއީ މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. އެ ޓީމަށް ޕްލޭ އޮފް ބުރުން ފުރުސަތު އޮތީ ބާކީ ކުޅެން އޮތް ހަ މެޗުން މޮޅުވެގެންނެވެ. އެންމެ މެޗަކުން ދެން ބަލިވިޔަސް ޗެންނާއީ ލީގު ބުރުން ކަޓާނެކަން ޔަގީންވާނެ އެވެ.

ޗެންނާއީ ކެޓުމާއި ގާތުގައި އޮތްއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމް މުމްބާއީ އިންޑިއަންސް ވަނީ މިހާތަނަށް ކުޅުނު އަށް މެޗުން ބަލިވެ ކަޓައިފަ އެވެ.