މުނިފޫހިފިލުވުން

ސަލްމާނުގެ "ނޯ އެންޓްރީ" ގެ ސީކުއަލް އަންނަނީ


2005 ވަނަ އަހަރު ދެއްކި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމު "ނޯ އެންޓްރީ" ގެ ސީކުއަލެއް ހަދާނެކަމަށް ޑައިރެކްޓާ އަނީސް ބަޒްމީ ކަށަވަރުކޮށްދީފިއެވެ. ސަލްމާނުޚާނުވެސް ވަނީ މީގެކުރިން މި ފިލްމުގެ ސީކުއަލެއް އުފައްދަން އުޅޭކަމުގެ އިޝާރާތެއް މިދިޔަ އަހަރު ދީފައެވެ.

"ނޯ އެންޓްރީ" ގެ ފުރަތަމަ ބައިން ފެނުނު ލީޑް އެކްޓަރ ސަލްމާންގެ އިތުރުން އަނިލް ކަޕޫރާއި ފަރްދީންޚާންވެސް ސީކުއަލުން ފެންނާނެކަމަށް އަނީސް ވަނީ ބުނެފައެވެ. އަނިލް އާއި ފަރްދީން އަކީވެސް ކުރީގެ ފިލްމުން ފެނުނު ތަރިންނެވެ.

200 މިލިއަން ރުޕީސްގެ ބަޖެޓަކަށް އުފެއްދައި 2005 ވަނަ އަހަރުގެ އޯގަސްޓުމަހު ދެއްކި މި ފިލްމަކީ އެ އަހަރުގެ އެންމެ ކާމިޔާބު ފިލްމެވެ. ސަލްމާނާއި، ފަރުދީން އަދި އަނިލްގެ އިތުރުން ބިޕާޝާ ބާސޫ، ލާރާ ދައްތާ އަދި އީޝާ ޑިއޯލްވެސް މި ފިލްމުން ފެނެއެވެ. ސަމީރާ ރެޑީވެސް ހާއްސަ ފެނިލުމަކުން ފިލްމުގައި ފެނެއެވެ.

"ނޯ އެންޓްރީ" އަކީ 2002 ވަނަ އަހަރު ދެއްކި ތަމަޅަ ފިލްމު "ޗާލީ ޗެޕްލިން" ގެ ހިންދީ ރީމޭކެވެ. މީގެ ސީކުއަލްގެ މަސައްކަތް އަންނަ މޭ މަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.

ސަލްމާނު ދެން އެންމެ އަވަހަށް ފެންނާނީ "ޓައިގާ 3" އިންނެވެ. ކެޓްރީނާ ކައިފާއި އިމްރާން ހާޝިމީ ވެސް މީގެ މުހިންމު ރޯލުތަކުން ފެންނާނެއެވެ. މީގެއިތުރުން "ކަބީ އީދް ކަބީ ދިވާލީ" އަދި "ބަޖްރަންގީ ބައިޖާން 2" އަކީވެސް ސަލްމާނުގެ ކުރިއަށްހުރި ފިލްމުތަކެވެ.

ސަލްމާނު ކުޅެ ޕްރޮޑިއުސްވެސް ކުރާ ފިލްމު "ކަބީ އީދް ކަބީ ދިވާލީ" ގެ މަސައްކަތްވެސް އަންނަ މަހު މެދުތެރޭގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މިހާރު ޕްރީ ޕްރޮޑަކްޝަންގައި އޮތް ފިލްމުގައި ސަލްމާނާއިއެކު ޕޫޖާ ހެގްޅޭ ވެސް ފެންނާނެއެވެ.