ދުނިޔޭގެ ވިޔަފާރި

ވޯލްމާޓުގެ ހިއްސާގެ އަގު ފާއިތުވި 35 އަހަރު ދަށަށް ނުދާވަރަށް ދަށަށް


ފާއިތުވި 35 އަހަރުވެސް ދަށަށް ނުދާވަރަށް ވޯލްމާޓުގެ ހިއްސާގެ އަގު ދަށްވެގެން ގޮސްފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އަންގާރަ ދުވަހު ވޯލްމާޓުގެ ހިއްސާގެ އަގު ދަށްވެފައިވަނީ އެ ކުންފުންޏަށް މިދިޔަ ކުއާޓަރގައި ލިބުނު ފައިދާ ދައްވެ މިއަހަރުގެ ބާކީ ބައިގައި ފައިދާ ބޮޑުތަނުން ދަށަށް ދާނެ ކަމަށް ކުންފުނިން އިއުލާންކުރުމާއެކުއެވެ. އެމެރިކާގެ ރީޓެއިލް ވިޔަފާރީގެ ކުރީގައި ހަރަކާތްތެރިވާ ވޯލްމާޓުން ބުނީ، ތަކެތީގެ އަގު ބޮޑުވުމާއި ސަޕްލައި ޗެއިންއަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ކުންފުނީގެ ފައިދާ މިއަހަރަށް އުއްމީދު ކުރިވަރަށް ވުރެ ދަށްވާނެ ކަމަށެވެ. މީގެ އިތުރުން އެމެރިކާގެ އިންފްލޭޝަން މަތިވުމާއި ތެލުގެ ޚަރަދު ބޮޑުވުމުންވެސް އިތުރަށް ޕްރަޝަރ ކުރިމަތިވި ކަމަށް އެކުންފުނިން ބުނެއެވެ.

މިއާއެކު އަންގާރަ ދުވަހުގެ ހިއްސާ ބާޒާރުގެ ވިޔަފާރި ނިމުނުއިރު، އެކުންފުނީގެ ހިއްސާ 11.4 އިންސައްތަ ވަނީ ވެއްޓިފައެވެ. މިއީ 1987 އިން ފެށިގެން ކުންފުނީގެ ހިއްސާ މިހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރު ކަމަށް ތަފާސްހިސާބުތައް އާންމުކުރާ ރެފިނިޓިވް އާއި ހަވާލާދީ ސީއެންއެންއިން ބުނެއެވެ.

އެކުންފުނީގެ ފުރަތަމަ ކުއަޓަރގެ އަހަރީ ރިޕޯޓަށް ބަލާއިރު އެކުންފުނީގެ ޚަރަދު ކަނޑައި އާމްދަނީ 25 އިންސައްތަ ވަނީ ދަށްވެފައެވެ. މިއަދަދު މިހާރު ހުރީ 2 ބިލިއަން ޑޮލަރުގައެވެ. އެކުންފުނީގެ އާމްދަނީ ދަށްވެފައިވާއިރު މިއަހަރު ފެބްރުއަރީ މަހު ކުންފުނިން ލަފާކޮށްފައިވަނީ ވޯލްމާޓަށް ލިބޭ ފައިދާ މިދިޔަ އަހަރާއި އަޅާ ބަލާއިރު 3 އިންސައްތަ އިތުރުވާނެ ކަަމަށެވެ. ނަމަވެސް މިހާރު ވޯލްމާޓުން ބުނީ ފައިދާ އިތުރުވާނެ ކަމަށް ލަފާ ކުރެވެނީ 1 އިންސައްތަ ކަމަށެވެ.

ވޭތުވެ ދިޔަ 12 މަހަށް ބަލާއިރު އެމެރިކާގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް ވަނީ 8.3 އިންސައްތަ އިތުރުވެފައެވެ. ބައެއް މާކެޓު އެނަލިސްޓުންނާއި ހަވާލާދީ ސީއެންއެންއިން ރިޕޯޓު ކުރިގޮތުގައި އެމެރިކާގެ ރީޓެއިލް އެހެން ވިޔަފާރިތަކާއި އަޅާބަލާއިރު ވޯލްމާޓުން ތަކެތީގެ އަގު މައްޗަށް ޖައްސަމުންދިޔައީ މަޑުމަޑުންނެވެ. މިއާއެކު ވޯލްމާޓުގެ ފައިދާއަށް ބޮޑު އަސަރެއް ކުރިކަން އެނަލިސްޓުން ފާހަގަ ކުރެއެވެ.

ވޯލްމާޓުން ބުނި ގޮތުގައި އެމެރިކާގެ އާންމު ވިޔަފާރި ކުރާ ފަރާތްތަކުގެ ވިޔަފާރި އާދަތަކަށް މިހާރު އިންފްލޭޝަނުގެ ސަބަބުން ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މިހާރު ތަކެތި ގަންނަ މިންވަރު އެވްރެޖްކޮށް ކުރިއަށްވުރެ މަދުވެފައި ޕްރައިވެޓް ބްރޭންޑުތަކާއި ދިމާލަށް އާންމުން މިސްރާބު ޖަހަމުންދާ ކަމަށް ވޯލްމާޓުން ބުނެއެވެ.