ރާއްޖޭގައި ހިންގާ ތަަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ވެއެވެ. އެހެންނަމަވެސް މިކަންކަމަކީ ކޮންމެހެން ކުރަންވެސް ޖެހޭ ކަންކަމެވެ. ބިން ހިއްކުމާއި ފަޅު ފުންކުރުމާއި ބޮޑެތި ބްރިޖުން ހެދުންފަދަ ބިޔަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ފަރުތަކަށް ގެއްލުންވާ ވާހަކައަކީ އަބަދުވެސް ދައްކާވާހަކައެކެވެ. އެހެންނަމަވެސް ބިންފުރި ތޮއްޖެހުމުން ބިންހިއްކުން ނޫންގޮތެއް ނޯވެއެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ބެނދަރު ހެދުމާއި ބްރިޖަކީވެސް ކޮންމެހެން ބޭނުންވާ ކަންކަމެވެ. ކުރިއާ ޚިލާފަށް މިހާރު ސަރުކާރުން ޚާއްސަ އިސްކަމެއް ދޭ ކަމެއް އެބައޮތެވެ. އެއީ މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދާއިރު ތިމާވެއްޓާއި ޤުދުރަތީ ދިރުންތަކަށް އެންމެ ގެއްލުން ކުޑަގޮތެއް ހޯދައި އެގޮތަކަށް ކުރިއަށް ދިއުމެވެ. އަދި ދިމާވެށި ޙިމާޔަތްކޮށް ޤުދުރަތީ ދިރުންތައް ދަމަހައްޓަން މަސައްކަތް ކުރުމެވެ. އެކަން ކުރާ އަމިއްލަ ފަރާތްތަކަށް ހިތްވަރު ދިނުމެވެ. އެހީތެރިވުމެވެ.
މިހާރު ދައްކަން މިއުޅެނީ އެހެން ވާހަކައެކެވެ. ރާއްޖޭގައި މޫދާއި ކަނޑުތަކުގެ ސަރަޙައްދުގައި ހިންގާ އެކިއެކި މަޝްރޫޢުތައް ހިންގާ ސަރަހައްދުތަކުން ނެއްޓޭ ރީތި މުރަކަތައް ހޮވާ ބަޔަކު ރާއްޖޭގައި އެބައުޅެއެވެ. މިމީހުން މުރަކަ ހޮވައި ނަގަނީ މަޝްރޫއުތައް ހިންގާ ކުންފުނިތަކާ ގުޅިގެންނެވެ. އަދި އެކަން ކުރަނީ އެންވައިރުމަންޓް ޕްރޮޓަކްޝަން އޭޖެންސީ ނަގަނަޖެހޭ ހުއްދަވެސް ނަގައިގެންނެވެ.
މިމަސައްކަތް ކުރުމަށް އެންމެފުރަތަމަ މިމީހުން ޢަމަލުކުރާގޮތް ބަލާލާނަމެވެ.
ފުރަތަމަ މިމީހުން ބަލަނީ ރާއްޖޭގެ ފަރުތައް ހިއްކުމަށް ބަޔަކާ ހަވާލުކޮށްފައިވޭތޯއެވެ. އަދި އެކަން ކުރުމަށް ސާވޭގެ މަސައްކަތް ކުރަންފަށައިފިތޯއެވެ. އެއަށްފަހު އެމީހުންނާ ގުޅައި ހިއްކަންއުޅޭ ފަރުގައި ހުރި މުރަކައިގެ ދިރުންތައް ބަލައި އެމުރަކަތައް ހޯދަން އީޕީއޭގައިއެދެއެވެ. އެއަށްފަހު އެތަނުގެ އީއައިއޭ ހެދުމަށްފަހު އީޕީއޭއިން ކަނޑައަޅާ ސަރަހައްދަކުން މުރަތައް ނަގައެވެ.
މުރަކަ ނަގާ މިޓީމުގެ އަމާޒެއް އޮވެއެވެ. އަމާޒަކީ ހުރީ 2030ވަނަ އަހަރު ދުނިޔޭގަައި އޮތް އެންމެ ބޮޑު ކޮރަލް ނާސަރީ ރާއްޖޭގައި އޮތުމެވެ. އެއީ ކިހިނެއް ވާނެކަމެއްހެއްޔެވެ؟
މިހާރުވެސް އަޖައިބު ކުރުވަނިވި މުރަކައިގެ ބަގީޗާއެއް ވަނީ ހައްދާފައެވެ. ގުޅިފަޅު ބިންހިއްކުމުގެ މަސްރޫޢުގެ ތެރެއިން އެމީހުން ހޮވައިގެން ގެނައި މުރަކަތައް މިހާރު ރޯވެ ޗާލުވާން ފަށައިފިއެވެ. ތިރީގައިވާ ފޮޓޯއިން އެފެންނަނީ މީގެ އަހަރެއް ކުރިން އިންދި ކުދިކުދި މުރަކަ ކޮޅުތައް ރޯވެ ހެދިފައިވާތަނެވެ. މިކަން ކުރަނީ ބ.އަތޮޅުގައި އޮންނަ ސޮނޭވާފުށި ރިސޯޓުންނެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު ފަރުގެ އިންސަތައަކީ 1އެވެ. އެ %1 ޙިމާޔަތްކޮށް ދިރުވައި އާލަކުރަން މަސައްކަތް ކުރަނީވެސް ދުނިޔޭގެ އާބާދީގެ %1 މީހުންނޭ ބުނެވިދާނެއެވެ. މިއީ ދިރާސާތަކުން ދައްކާގޮތެވެ. ދިރާސާތަކުން ދައްކާގޮތުން ދުނިޔޭގެ ފަރުގެ %100ގެ ތެރެއިން %60 މިހާރު ވަނީ ނެތި ގޮސްފައެވެ. ބާކީ އޮތީ %40އެވެ. ދުނިޔޭގެ ޤައުމުތަކުގެތެރެއިން އެންމެ ބޮޑު ފަރެއް އޮތް އެއްތަނަކީ ރާއްޖެއެވެ. އެހެންނަމަވެސް ފަރުތަކުގެ މުހިންމުކަމާމެދު ވިސްނާ މީހުން މަދެވެ. އަދި ފަރުތައް ޙިމާޔަތްކޮށް ދަމަހައްޓަން ޖެހޭކަން ދަންނަ މީހުން އަދި މާމަދެވެ.
ފަތުރު ވެރިކަމުގެ ވިޔަފާރިއަށް ބަރޯސާވެފައި އޮތް މި ރާއްޖޭގެ ރީތި ފަރުތައް ހަލާކުވެގެން ހިގަނއިދާނެ ކަމުގެ ބިރުވެސްއެބައޮތެވެ. އެހެންކަމުން މި ފަރުތަކުގެ ދިރުން ބިނާވެފައި އޮންނަ މުރަކަތައް މަރުވެ ހަލާކުވަމުންދާތަން ބަލަން ތިބުމަކީ ފަތުރުވެރިކަމުގެ ވިޔަފާރި ކުރާފަރާތްތަކަށް ފަސޭހަކަމެއް ނޫނެވެ.
އެހެންކަމުން ސޮނޭވާފުށިން މިކަން ފެށީ ކޮންމެހެން ފަތުރުވެރިންނަށް އެކަން އިސްތިހާރުކުރުމުގެ ނިޔަތަކު ނޫނެވެ. އެކަން ކުރަނީ ރާއްޖޭގެ މިރީތި ފަރުތަކުގައި ހުރި ދިރޭ މުރަކައިގެ އާބާދީ އިތުރުކޮށް ދިރުވައި އާލާކުރުމުގެ ބޭނުމުގައެވެ.
އެމީހުން ބުނީ 1995ވަނަ އަހަރު ސޮނޭވާފުށި ފަރުގައި މުރައިގެ ދިރުން ހުރިވަރަށް މުރަކަ ދިރުވުމަކީވެސް އަމާޒެއްކަމަށެވެ. އެއަހަރު ދުނިޔޭގެ ހޫނު ގަދަވުމާ ގުޅިގެން މުރަކައިގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއްވެ، ގިނަ އަދަދެއްގެ މުރަކައިގެ ދިރުންތައް ނެތި ދިޔައެވެ.
މިހާރު އެރިސޯޓްގެ ފަރުގައި 5000 ހާސް ކޮލެނީސް ނުވަތަ ބޮޑެތި މުރަގަނޑު އިންދާފައި އެބަހުއްޓެވެ. މި މުރަކަތަކަކީ ތިލަމާލެ ބްރިޖް ހަދާ ސަރަހައްދުން ނާ ގުޅީފަޅު ހިއްކާފައި އޮތް ސަރަހައްދުން ނަގައިގެން ގެނެސް ހައްދާ މުރަކަތެކެވެ. ކޮންމެއަކަސް ބްރިޖްގެ ތަނބުޖަހާ ދިމާގައި މުރަކަ ހުރެއްޖެނަމަ އެމުރަކަތައް ހަލާކުވާނެއެވެ. އެހެންވެ އެމީހުން އަވަހަށް ތަނބުފެއްތުމުގެ ކުރިން އެތަނުގައި ހުރި މުރަކަތައް ނަގައި އެހެން ފަރެއްގައި އިންދަނީއެވެ. މިގޮތައް ނަގާއިރު ހަލާކުވެފައި ހުންނަ ރޯމުރަކަތައްވެސް އެމީހުން ހޮވައެވެ. މިތަކެތި ގެނެސް ކަރަންޓީނުކޮށް އެމުރަކައިގައި ހުރި ބަލިތައް ދެނެގަނެ ކެލްސިއަމް ކާބަނޭޓް ރަގަޅުނަމަ މޫދުގައި ފައްތާފައި އޮންނަ ދަނގަނޑު ފްރޭމްގައި ހަރުކުރެއެވެ.
އެފްރޭމް ދަނގަޑުން ހަދާފައި އޮތަސް އެއަކު ދަބަރެއް ނުޖަހާނެއެވެ. އެއީ އެ ދަގަނޑުތަކުގައި ކެލްސިއަމް ކާބަނޭޓް އުފެއްދުމަށް ކަރަންޓް ދީފައި ހުންނާތީއެވެ. އެއީ މިނަރުގެ ކޮޅުގައި އަތްޖެއްސިޔަސް ކަރަންޓްގެ އިޙްސާސް ނުވާހާ ދަށްކަރަންޓެކެވެ. މިކަމުގެ ސަބަބުން ކަނޑުގެ އެއްވެސް ދިރުމަކަށް ގެއްލުމެއް ލިބިފައިވާކަމަށް އަދި މިހާތަނަށް ދިރާސާތަކަކުން ނުދައްކައެވެ. މިއީ މުޅިން އަލަށް ރާއްޖޭގައި ކުރާކަމެކެވެ. މިމަސައްކަތް މިރިސޯޓްގައި ކުރަނީ 9 މީހުންގެ ޓީމަކުންނެވެ. އޭގެ ތެރޭގައި ދިވެހިންގެ ދެ މީހަކާއި ބޭރުގެ މެރިން ބައެލޮޖިސްޓުން ހިމެނެއެވެ.
މީގެ 432 އޮނިގަނޑު މިފަރު ވަށައިގެން ޖަހާނެއެވެ. އެއިން ކޮންމެ އޮނިގަނޑެއްގައި އެތައްބައިވަރު މުރަކަ ހައްދާނެއެވެ. މީހުން ހަލާކުކުރާ ފަރުތަކުން ހޮވައިގެން ގެންނަ މުރަކަ ގެނަސް ހަދާ މިރީތި މުރަކައިގެ ބަގީޗާއިން މުޅި ސޮނޭވާގެ ފަރު 2030ވަނަ އަހަރު އައުމުގެ ކުރިން ފުރާލާނެއެވެ. އޭރުން ދުނިޔޭގައި އޮތް އެންމެ ރީތި މުރަކައިގެ ދިރުމުން މުއްސަނދި ނާސަރީ އޮންނާނީ ރާއްޖޭގައެވެ.