ނަފްސާނީ ބަލި މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ޚާއްސަ ވޯޑު އައިޖީއެމްއެޗްގައި ހުޅުވައިފިއެވެ. އައިޖީއެމްއެޗުން ވިދާޅުވީ މިވޯޑު ހުޅުވާފައިވަނީ މިދިޔަ ހޯމަދުވަހުކަމަށެވެ.
ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް މެންޓަލް ހެލްތު ސެންޓަރެއް ހުޅުވައި ރަސްމީކޮށް މިޚިދުމަތްދޭން ފަށާފައިވަނީ 2019ވަނަ އަހަރުގައެވެ. މީގެއިތުރުން މީގެކުރިން ބޮޑު ހޭދައެއް ކުރަންޖެހޭ ނަފްސާނީ ބަލީގެ ފަރުވާ އާސަންދައިން ހަމަޖައްސާފައިވަނީ 2020ވަނަ އަހަރުގައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ނަފްސާނީ ބައްޔަށް ދެވޭ ފަރުވާ އާސަންދައިން ކަވަރުކުރަންވަނީ ފަށާފައެވެ. މިއާއެކު ރާއްޖޭގައި މިދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެ ނަފްސާނީ ބަލި މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެވޭނެ އިންތިޒާމު މިއަހަރު ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޢިއުލާންކުރެއްވީ މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އައިޖީއެމްއެޗުގައި މިހާރު ހުޅުވާފައިވާ މެންޓަރ ހެލްތު ވޯޑުގައި ބަލި މީހުންގެ އެޑްމިޓުކޮށްގެން ފަރުވާ ދިނުމަށް 9 އެނދުވަނީ ޤާއިމުކޮށްފައެވެ. މިވޯޑުގައި ނަފްސާނީ ނުތަނަވަސްކަން ކުރިމަތިވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަޞީލަތްތަކާއެކު ޤާއިމުކޮށްފައިވާ "ޑީއެސްކެލޭޝަން" ރޫމެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އަދި ބަލި މީހުންނަށް ވީހާވެސް ބޮޑަށް ހިތްހަމަޖެހުން ލިބޭނެފަދަ ގޮތަކަށް ވޯޑު ފަރުމާކޮށްފައިވަނ ބެލްކަނީވެސް ހުންނަގޮތަށެވެ. ހަމައެއާއެކު ބަލި މީހުންގެ ނަފްސާނި ދުޅަހެޔޮކަމުގައި މުހިއްމު ދައުރެއް އަދާކުރާ ކަސްތަރުތައް ކުރެވޭނެހެން އެކި މެޝިންތައް މިވޯޑުގައި ބަހައްޓާފައިވާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.
ކޯވިޑް-19އަށްފަހު ރާއްޖޭގައި ނަފްސާނީ ބަލި އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. މީގެތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ހިމެނެއެވެ. އާސަންދައިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ނަފްސާނީ ބައްޔަށް ފަރުވާހޯދާ 81000އަށްވުރެ ގިނަ މީހުން ރާއްޖޭގައި އެބަތިއްބެވެ. މިފަރާތްތަކަށް ފަރުވާދިނުމަށް ބޮޑުހޭދައެއް ދައުލަތުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ނަފްސާނީ އެކި ބަލިތަކަށް ފަރުވާ ކުރުމަށް އާސަންދަ މެދުވެރިކޮށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ހޭދަކޮށްފައެވެ. އެހެންކަމުން ދައުލަތަށާއި ޢާއްމު ރައްޔިތުންނަށް ދާއިމީ ބޮޑެތި ބަލިތަކަށް މަގުފަހިކުރާ މިބައްޔާ ދެކޮޅަށް ހަމަޖެހޭ އެކަކު އަނެކަކަށް އަޅާލާ މުޖުތަމަޢެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން މިވަނީ ޖެހިފައެވެ.