ޚަބަރު

ޙައްޖު ކޯޕަރޭޝަނަށް އެހީތެރިވި ފަރާތްތަކުގެ އަގުވަޒަންކޮށްފި


ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ޙައްޖަށް ފޮނުއްވާ މީހުންނަށް ރަނގަޅު ކޮލިޓީ ޚިދުމަތްތަކެއް ދެއްވުމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު ޢިލްތިމާސްކުރައްވައިފިއެވެ.ވޭތުވެދިޔަ އަހަރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު ވިދާޅުވީ ހައްޖު ކޯރޕަރޭޝަނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާނުލާ ހަވާލުކުރާ އަމާނާތް ރަގަޅަށް ބަލަހައްޓައިދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ. އަދި މިހާރަށްވުރެވެސް ބޮޑަށް ހައްޖު ކޯރޕަރޭޝަންގެ މަސައްކަތްތައް އާއްމުކުރައްވާ ހައްޖުގެ މައުލޫމާތު އޮޅުން ފިލުވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައްޖު ކޯރޕަރޭޝަންގެ ޗެއަރޕަރސަން ޑރ. އައިޝަތު މުނީޒާ ވިދާޅުވީ ހައްޖު ކޯރޕަރޭޝަންގެ ސަބަބުން ރައްޔިތުންނަށް އާ އުއްމީދަކާ އާ އިތުބާރެއް ލިބިފައިވާކަމަށާއި ހައްޖު ކޯރޕަރޭޝަން ވުޖޫދަށް އައުމުގެ ސަބަބުން ހައްޖު އަދި އުމްރާގެ ޚިދުމަތް ފޯރުކޮށްދޭ ސިނާއަތަށް އިންގިލާބެއް އައިސްފައިވާކަމަށެވެ. އެހެންކަމުން މިހާރު ހައްޖު އަދި އުމްރާ ދަތުރުތަކާއި ބެހޭ މައުލޫމާތު ކުންފުނިތަކުން ފޯރުކޮށްދެމުން އަންނަކަމަށް ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި ހައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިން އެހީތެރިންނާއި ބެހޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައެވެ. އަދި ހައްޖު ކޯރޕަރޭޝަންގެ މޯބައިލް އެޕްލިކޭޝަނާއި ހައްޖާއި ގުޅޭ ޑީވީޑީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކުވަނީ އިފްތިތާހްކޮށްދެއްވާފައެވެ. މީގެ އިތުރުން ވޭތުވެދިޔަ އަހަރުގެ ހައްޖު ދަތުރުގައި އެހީތެރިން ގޮތުގައި ބައިވެރިވަޑައިގެންނެވި ފަރާތްތަކަށް ހަނދާނީ ލިޔުންވެސް ވަނީ ހަވާލުކޮށްދެއްވާފައެވެ. ހައްޖު ކޯޕަރޭޝަންގެ މެމްބަރުންގެ ގޮތުގައި ތިންހާސް ހަ ސަތޭކަ އަށްޑިހަ ފަރާތުންވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި މެމްބަރުން ޖަމާކުރި ފައިސާގެ އަދަދު ސަތޭކާ ނުވަދިހަ މިލިއަނަށް އަރާފައިވާކަމަށާއި އެއްހާސް އަށްސަތޭކަ މެމްބަރުން ހައްޖުގެ އަޅުކަން އަދާކޮށްފައިވާކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ.