އަސިކުޑަ ސޮފްޓްވެއަރ ބޭނުންކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވެއްޖެއެވެ. އަސިކުޑައަކީ، ޤައުމުތަކަށް އެތެރެކުރާ އަދި ޤައުމުތަކުން ބޭރުކުރާ މުދަލާއިބެހޭ ހުރިހާ މަޢުލޫމާތެއް އެއްކޮށް ބެލެހެއްޓުމުގައި ބޭނުންކުރާ ސޮފްޓްވެއާއެކެވެ. ޕީއެސްއެމަށް ދެއްވި އިންޓަރވިއުއެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުޙައްމަދު ޖުނައިދު ވިދާޅުވީ ކުރިޔަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އަސިކުޑަ ސޮފްޓްވެއަރ އިފްތިތާޙު ކުރެވޭނެކަމަށެވެ. އަސިކުޑަ ސޮފްޓުވެއަރއަކީ އިމްޕޯޓް އެކްސްޕޯޓާއި ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް އެއް އިދާރާއަކަށް ފޮނުވުން، ނުވަތަ ސިންގަލް ވިންޑޯ ސިސްޓަމްއަށް ޢަމަލުކުރަން ފެށުމުގެ ގޮތުން އިފްތިތާހުކުރާ ސޮފްޓްވެއަރއެކެވެ. މިއީ ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކާ އެއްފަންތިއަކަށް ނުވަތަ އެއްދިމާއަކަށް ދަތުރުކުރުމަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ޖުނައިދު ވިދާޅުވިއެވެ. ސިންގަލް ވިންޑޯ ސިސްޓަމަކީ ކަސްޓަމްސާ ސަރުކާރުގެ ކަމާބެހޭ ހުރިހާ މުޢައްސަސާތައް ގުޅާލެވިފައިވާ ނިޒާމެކެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް މުދާ ކްލިއަރ ކުރުމުގައި ކުރިމަތިވާ ގިނަ މައްސަލަތަކެއް ޙައްލުވެގެންދާނެކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.