ޚަބަރު

ފިންގަރ ޕްރިންޓް މައްސަލައިގައި މާދަމާ ގޮތެއް ނިންމަނީ


ފިންގަރޕްރިންޓް ހުށައަޅާފައި ނެތް މެމްބަރުން ޕާޓީތަކުގެ ދަފްތަރުން އުނިކުރުން ފަސްކޮށްދިނުމަށް އެދިފައިވާ ވަގުތީ އަމުރާ ގުޅޭގޮތުން މާދަމާ ގޮތެއް ނިންމަވާނެކަމަށް ހައިކޯޓުން ވިދާޅުވެއްޖެއެވެ.  މި މައްސަލަ ހައިކޯޓަށް ހުށައަޅާފައިވަނީ އެމްޑީޕީންނެވެ. އެ ޕާޓީން ވަގުތީ އަމުރަކަށް އެދިފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނު އައުމުގެ ކުރިން ޕާޓީތަކުގައި ތިބި މެމްބަރުން އުނިނުކުރެވޭނެކަމަށް ބުނެ ސިވިލްކޯޓަށް ހުށައެޅި މައްސަލަ ނިމެންދެނެވެ. ވަގުތީ އަމުރަކަށް އެމްޑީޕީން ސިވިލްކޯޓްގައިވެސް އެދިފައިވެއެވެ. އެހެންނަމަވެސް އެކޯޓުން ނިންމީ އަމުރު ނެރެދެވެން ނެތްކަމަށެވެ. މި މައްސަލާގައި މިއަދު ބޭއްވެވި އަޑުއެމުގައި މައްސަލަ ބައްލަވާ ބެންޗުން ދައުލަތާ ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވާފައިވެއެވެ. ކޯޓްގައި އިލެކްޝަންސް ކޮމިޝަން ތަމްސީލުކުރައްވަނީ ދައުލަތުގެ ބަންޑާރަ ނާއިބްގެ އޮފީހުންނެވެ. ބެންޗްގެ ސުވާލަތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ވަގުތީ އަމުރެއް ނެރުއްވިޔަސް ނުވަތަ ނުނެރުއްވިޔަސް މައްސަލައެއް ނެތްކަމަށެވެ. އަދި ކޯޓުން ނިންމާ ގޮތަކަށް އިޙްތިރާމް ކުރައްވާނެ ކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. މި މައްސަލާގައި ޙުކުމްކުރެއްވުން ތާވަލްކުރައްވާފައިވަނީ މާދަމާ ހެނދުނު ދިހައެއް ޖަހާއިރަށެވެ. އިނގިލީގެ ނިޝާން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ދެއްވި ސުންގަޑި މިދިޔަ އަހަރުގެ ނިޔަލަށް ހަމަވެފައިވާއިރު ޕާޓީތަކުން މަދުވެގެން ދިޔައީ ނުވަތަ ޕާޓީތަކަށް އިތުރުވެގެން ދިޔައީ ކިހާ މެމްބަރުންނެއް ކަމެއް އަދި އެ ކޮމިޝަނުން ހާމައެއް ނުކުރައްވައެވެ.އެހެންނަމަވެސް ދިން މުއްދަތުގެ ތެރޭގައި ފިންގަރ ޕްރިންޓް ހަމަނުކުރެވިއްޖެނަމަ ބާވީހަކަށް ހާސް މެމްބަރުން ޕާޓީތަކުން އުނިވެގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން އަންދާޒާކުރައްވައެވެ.