ޚަބަރު

ހަފްތާއެއްގެ ތެރޭގައި ތިނަދޫ އިންޖީނުގެ ޢިމާރާތްކުރަން ފެށޭނެ


ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ އައު އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ޖެނުއަރީ 25 ވަނަ ދުވަހުގެ ރޭ ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައިވަނީ އެތަން ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. ނަމަވެސް ދެން ތިނަދޫގައި އިމާރާތްކުރާ އިންޖީނުގެ ވާނީ އެންމެ ފުރިހަމަ އެއް އިމާރާތަށްކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރައްވައެވެ.ތިނަދޫ އިންޖީނުގޭގައި ހިނގައިދިޔަ އަލިފާނުގެ ޙާދިސާއަކީ ތިނަދޫ ރައްޔިތުން މިހާތަނަށް ކަރަންޓާ ނުލާ ހޭދަކުރަންޖެހުނު އެންމެ އުނދަގޫ ދުވަސްތަކެކެވެ. ނަމަވެސް ކަރަންޓު ލިބި މިހާރު ތިންދޫގެ ރައްޔިތުންގެ ދިރިއުޅުން ވަނީ ޢާންމު ހާލަތަށް ބަދަލުވެފައެވެ. ތިނަދޫގައި އައު އިންޖީނުގެއެއް އެޅުމާއި ގުލޭގޮތުން ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލް ވިދާޅުވީ، މިވަގުތު މިރަށުގެ ކަރަންޓުގެ ކަންތައް އޮތީ ވަރަށް ފުރިހަމައަށްކަމަށެވެ. އެހެންކަމުން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ތިނަދޫގައި އަޅަ އައު އިންޖީނުގޭގެ ކުރެހުމުގެ މަސައްކަތް ފަށްޓަވާނެކަމަށާއި، 2 މަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި 5 މަސްދުވަހުގެތެރޭގައި އަމަލީ މަސައްކަތް ނިންމާލެވޭނެއެވެ.އަލަށް ޢިމާރާތްކުރާ ޖަނެރޭޓަރު ވަނީ ވަރަށް ފުރިހަމަ އިންޖީނުގެއެއް ކަމަށާއި، އެއީ ސެކިއުރިޓީ ގޮތުން އެންމެ ފުރިހަމަ އިންޖީނުގެއަކަށް ވެގެންދާނެކަމަށެވެ. އަދި ރަށަކުން ފެންނާނެ އުމްޜާނީ އެންމެ ފުރިހަމަ އެއް އިމާރާތަށް ތިނަދޫ އިންޖީނުގެ ވާނެކަމަށް ނިމާލް ވިދާޅުވިއެވެ.މިރަށު އިންޖީނުގެ އެނދުމުގެ ކުރިން ސޯލާ ޕެނަލް ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް 550 ކިލޯގެ ކަރަންޓު އުފައްދައެވެ. ނަމަވެސް އެހާދިސާއަށްފަހު މިހާރު ބޭނުންކުރެވެނީ 350 ކިލޯގެ ކަރަންޓުކަމަށް އޭނާ ވިދާޅުވިއެވެ. މިއީ މިހާރު ބޭނުންކުރަމުންދާ އިންޖީނުތަކަށް ލިބޭ ވަރަށް ބޮޑު ލުއިކަމެއްކަން ނިމާލް ފާހަގަކުރެއްވިއެވެ. ފަސްދުވަހު ގަދަހޫނުގައި ހޭދަކުރި ރައްޔިތުން މިއަދު އުލޭމުންދަނީ ކުރިންވެސް އުޅޭމުންދިޔަ ޢާންމު ހާލަތުގައެވެ. ހުރިހާ މުއައްސަސާއެއްގެ މަސައްކަތް ފަށައިގެން ޚިދުމަތްދެމުންދާއިރު، މިއަދު ވަނީ ސްކޫލްތަކުގެ ކިޔެވުން ފަށާފައެވެ. ރައްޔިތުން ތިބީ ހިތްހަމަޖެހުމާއި އުފަލާއެކުއެވެ.ތިނަދޫގެ މާހައުލު ކަރަންޓާއެކު މިއަދު ފެންނަމުންދަނީ އުފާވެރިކަމާއިއެކުއެވެ.