ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ވަޒަންކުރާ މިންގަނޑު ހަރުދަނާކުރުމާ ގުޅޭގޮތުން ސިންގަޕޫރުގެ "ސިންގްހެލްތް" އިންސްޓިޓިއުޓާއެކު މިނިސްޓްރީ އޮފް ހެލްތުން ބައްދަލުކޮށްފިއެވެ.
މިބައްދަލުކުރެއްވުން އޮތޯ މިނިސްޓްރީ އޮފް ހެލްތުގައެވެ.
ރާއްޖޭގައި ދެވޭ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ދާއިރާއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ބޭރު ޤައުމުތަކުގެ ސިއްޙީ ޚިދުމަތްދޭ ތަޖުރިބާކާރު ފަރާތްތަކާއި ގުޅިގެން ސަރުކާރުން އަންނަނީ ހޯދަމުންނެވެ. ސިންގަޕޫރުގެ އެންމެ ބޮޑު ސިއްޙީ ޚިދުމަތްދޭ އެއް އިންސްޓިޓިއުޓްކަމަށްވާ ސިންގްހެލްތުއިން އަންނަނީ ރާއްޖެއަށް އަންނަނީ ދަތުރުކުރަމުންނެވެ.
މިދަތުރުގެ ތެރެއިން ރާއްޖޭގެ ސިއްޙީ ނިޒާމުގެ ކަންކަމާއި ގުޅޭ ގޮތުން ހެލްތު މިނިސްޓްރީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައިވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ރާއްޖެ ސިއްޙީ ޚިދުމަތްދޭ ތަންތަން އެކްރެޑިޓްކުރުމަށް ހެލްތު މިނިސްޓްރީއިން ގެންގުޅޭ މިންގަނޑާއި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު ބެލުމަށް ގެންގުޅޭ އުސޫލުތަކާއި ގުޅޭގޮތުންވެސްވަނީ މަޝްވަރާކޮށްފައެވެ.
މިމަޝްވަރާތަކުގައި ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ ތަންތަން ވަޒަންކުރުމާއި ތަންތަނަށް މިންކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުންވަނީ މަޢުލޫމާތު ބަދަލުކޮށްފައެވެ. އަދި ރަނގަޅު ނަތީޖާތައް ނެރުމަށް ރާއްޖޭގެ މާޙައުލާއި ގުޅޭގޮތުން އުސޫލުތައް ކަނޑައެޅުމުގެ މުހިއްމުކަމުގެ މައްޗަށްވެސް މިމަޝްވަރާތަކުގައިވަނީ ވާހަކަދައްކަވާފައެވެ. ރާއްޖޭގެ ސިއްޙީ ނިޒާމަށް ބޮޑެތި ބަދަލުތައް ގެނައުމަށް ހެލްތު މިނިސްޓްރީއިން އަންނަނީ މަސައްކަތްކުރަމުންނެވެ.
އެގޮތުން ސިއްޙީ ޚިދުމަތްދޭ ތަންތަން ވަކި ބޯޑެއްގެ ދަށުން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސާ މިނިސްޓްރީއަކީ ހަމައެކަނި ރެގިއުލޭޓްރީ އިދާރާއެއްގެ ގޮތުގައިވަނީ ހަމަޖައްސާފައެވެ. އެގޮތުން މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް މީގެ ސަބަބުން މަގުފަހިވެގެންދާނެކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއެވެ.