ޚަބަރު

"ދަ ޑާޓީ ޕިކްޗަރ" ގެ ސީކުއަލް އަށް ވިދިޔާއެއް ނޫން


ހިންދީ ސިނަމާއިން ބެލުންތެރިންނަށް ދޫކޮށްލާފައިވާ "ބޯލްޑް" ފިލްމުތަކުގެ ތެރެއިން ގުނާލެވޭ ހިޓް ފިލްމު "ދަ ޑާޓީ ޕިކްޗަރ" ގެ ސީކުއަލް އެއް އުފައްދަ ތައްޔާރުވެއްޖެއެވެ.

މީގެ 11 އަހަރު ކުރިން، 2011 ވަނަ އަހަރު ރިލީޒްކުރި "ދަ ޑާޓީ ޕިކްޗާ" ގެ ސީކުއަލް އުފައްދަން ތައްޔާރުވަމުން އަންނަނީ އޮރިޖިނަލް ފިލްމުގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރާއި "މަންމަރުޒިޔާ"، "ހަސީން ދިލްރުބާ"، "ޖަޖްމެންޓަލްހޭ ކިޔާ" އަދި "ރަޝްމީ ރޮކެޓް" ފަދަ ފިލްމުތަކުގެ ސްކްރިޕްޓް ލިޔެފައިވާ ކަނިކާ ދިލޯން އެވެ.

އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، މިލަން ލުތުރިއާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ސީކްއެލްއެއްގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. ފިލްމުގެ ސްކްރީން ޕްލޭ ކަނިކާ އާއި އިތުރު ލިޔުންތެރިޔަކު މިހާރު ކުރިއަށް ގެންދާ ކަމަށާއި އަހަރު ނިމުމުގެ ކުރިން ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓް ނިންމާނެ ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ. ނަމަވެސް އޮރިޖިނަލް ފިލްމުގެ ސްކްރިޕްޓު ލިޔުނު ރަޖަތް އަރޯރާ ސީކުއަލްގައި މަސައްކަތްކުރާ ކަމެއް ކަށަވަރެއް ނުވެއެވެ.

"ދަ ޑާޓީ ޕިކްޗަރ 2" ގެ ބަތަލާގެ ރޯލަށް ކަންގަނާ ރަނާވަތު ގެންނަން އެކްތާ ބޭނުންވެގެން އެ ހުށަހެޅުމުން، އޭނާ ވަނީ އަމިއްލަ ސަބަބުތަކަކާ ހެދި އެ ފުރުޞަތު ދޫކޮށްލައިފައެވެ. އަދި މިހާރު ކްރިތީ ސެނަން އާއި ތާޕްސީ ޕައްނޫ މިއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެއެވެ.

އިންޑިއާގެ ދެކުނުގައި "ސިލްކް ސުނީތާ" ގެ ނަމުން މަޝްހޫރުވި ބަތަލާ ވިޖަޔާލަކްޝްމީ ވަޅްލަޕަޓީގެ ވާހަކަ ކިޔައިދިން "ދަ ޑާޓީ ޕިކްޗަރ" އަކީ ވިދިޔާ ބާލަން އާއި ނަސީރުއްދީން ޝާހާއި އިމްރާން ހާޝިމީގެ އިތުރުން އެކްތާގެ ކޮއްކޮ ތުޝާރް ކަޕޫރް މައިގަނޑު ރޯލުތައް ކުޅުނު ފިލްމެކެވެ. މިއީ ބައޮގްރަފިކަލް މިއުޒިކަލް ޑްރާމާއެކެވެ.

މީގައި ސުމީތާގެ "ބޯލްޑް" ކެރެކްޓާ ކުޅެގެން ވިދިޔާ އަށް މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ލިބުނެވެ. "ދަ ޑާޓީ ޕިކްޗަރ" ގެ ސްކްރީންޕްލޭ ލިޔުނީ ރަޖަތު އަރޯރާ އެވެ. މިއީ ވިދިޔާގެ މުޅި ފިލްމީ ކެރިއަރުގައި އޭނާގެ ފަރާތުން އެންމެ މޮޅު އެކްޓިންނެއް ފެނިގެންދިޔަ ފިލްމުގެ ގޮތުގަައި ގިނަ ބަޔަކު ފާހަގަކުރެއެވެ.