ރަށްރަށުން މާލެއަށް ހިޖުރަކޮށްފައިވާ މީހުންގެ ދަރިންގެ ތެރެއިން ދަފްތަރުގައި ހިމެނޭ މީހުންނަށް މާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މާލެއިން ގޯތި ދޫކުރުމުގައި ސަރުކާރުން ގެންގުޅުއްވާ އުސޫލުގައި ބައެއް މައްސަލަ ހުރިއިރު އެކަންކަން އިސްލާޙުކުރައްވަން ސަރުކާރުން ވިސްނުން ގެންގުޅުއްވާތޯ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ އުސޫލު މިހާރު ކަނޑައަޅާފައިވާ ގޮތަށް ބަދަލުގެނައުމަށް ނުވިސްނާކަމަށެވެ.
މިހާރު އޮތް އުސޫލުގެ ދަށުން ގޯއްޗަށް ކުރިމަތިލެވޭނީ ސީދާ މާލޭގެ ރައްޔިތުންނާއި، މާލެއަށް ހިޖުރަކުރި މީހުންގެ ދަރިންގެ ތެރެއިން މާލެއަށް އުފަން މާލޭގެ ދަފްތަރުގައި ޖެހިފައިވާ މީހުންނަށާއި މައިމުޅަ ވުމުގެ ސަބަބުން ދަފްތަރުގައި ޖެހެން މަޖުބޫރުވެފައިވާ މާލޭގެ ރައްޔިތުންކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވެއެވެ.
"ދަފްތަރު އެކްސްކްލޫޑް ކުރީއެއް ނޫން. އެކްސްކްލޫޑް ކުރީ މާލެއަށް ރަށްރަށުން ހިޖުރަކޮށް، އެހެން ރަށެއްގެ ރަޖިސްޓްރީގަ އޮތް، މާލެއަށް ހިޖުރަކޮށް ދަފްތަރަށް ބަދަލުކޮށްފައިވާ ފަރާތްތައް" މިނިސްޓަރ ވިދާޅުވިއެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ އުސޫލުގެ ދަށުން ދަފްތަރުގައި ޖެހިފައިވާ މީހުންގެ ތެރެއިން ރަށްރަށުގައި ރަޖިސްޓްރީ އޮންނަ މީހުންނަށް ގޯތި ދޫނުކުރަން ސަރުކާރުންވަނީ ނިންމާފައެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމާއި ގުޅޭގޮތުން ގިނަބައެއްގެ މެދުގައިވަނީ ޚިޔާލު ތަފާތުވެފައެވެ. އެގޮތުން މާލޭގެ ރައްޔިތުންނާއި އަތޮޅު ތެރޭގެ ރަށްރަށުގެ މީހުންގެ ތެރެއިން މާލޭގައި ދިރިއުޅޭ މީހުންގެ މެދުގައި ބޮޑު ބަހުސެއް ފެށި ސޯޝަލް މީޑިއާގައި އަންނަނީ ޝުޢޫރުފާޅުކުރަމުންނެވެ.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ދެސްކީމެއްގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުންވަނީ ޢިއުލާންކުރައްވާފައެވެ. އޭގެތެރޭގައި ހިމެނެނީ ފްލެޓު ދޫކުރާ "ގެދޮރުވެރިޔާ" ސްކީމާއި ގޯތިދޫކުރާ "ބިންވެރިޔާ" ސްކީމެވެ. މީގެ ދަށުން ގިރާވަރު ފަޅު ހިއްކައިގެން 2000 ގޯތި އަދި ހުޅުމާލެއިން 1000 ގޯތި މާލޭގެ ރައްޔިތުންނަށް ދޫކުރުމަށްވަނީ ނިންމާފައެވެ. އަދި ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުތަކުން މާލޭ ރައްޔިތުންނަށް 5000 ހައުސިންގ ޔުނިޓު ދިނުމަށް ނިންމަވާ އިތުރު 2000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށްވެސްވަނީ ނިންމަވާފައެވެ.