ޚަބަރު

މިހާރު ހިޔާ މެޑިކަލް ސެންޓަރުން އާސަންދަ ޚިދުމަތް ލިބޭނެ


ހުޅުމާލޭ ހިޔާ މެޑިކަލް ސެންޓަރުން މިހާރު އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. މިސެންޓަރަކީ ލައިފް ސަޕޯޓް މެޑިކަލް ސަރވިސަސްގެ ފަރާތުން ހިޔާ މެޑިކަލްސްގެ ނަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ކްލިނިކެކެވެ.

ހިޔާ މެޑިކަލްސްއިން ބުނީ އެސެންޓަރަށް އާސަންދަ މެދުވެރިކޮށް ޚިދުމަތްދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމަށެވެ.

އެސެންޓަރަކީ ޕްރައިމަރީ ހެލްތް ކެއަރ އަދި ސްޕެސަލިސްޓް ޚިދުމަތްތައް ދެވޭ ފެންވަރުގެ ތަނަކަށް ވުމާއިއެކު ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުނަށް ދިމާވާ ސިއްޙީ މައްސަލަތަކަށް އެސެންޓަރުން ފަރުވާ ފޯރުކޮށްދޭނެކަމަށް އެސެންޓަރުން ބުނެއެވެ. އެހެންކަމުން އާސަންދައިގެ ޚިދުމަތް އެސެންޓަރުން ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމާއެކު އޭގެ ފައިދާ ހުޅުމާލޭ ދެވަނަފިޔަވަހީގައި ދިރިއުޅެމުންދާ މީހުންނަށް ލިބިގެންދާނެއެވެ.

އާސަންދަ ޚިދުމަތަކީ ހަމައެކަނި ސަރުކާރު މުވައްޒަފުންގެ ބޭސްފަރުވާ ފޯރުކޮށްދިނުމަށް 2008ވަނަ އަހަރު ފެށި ޚިދުމަތެކެވެ. ޚިދުމަތް އެންމެ ފުރަތަމަ ތަޢާރަފު ކުރެވުނީ މަދަނަ ސްކީމްގެ ނަމުގައިނަމަވެސް އޭގެފަހުން ސަރުކާރުންވަނީ ހުރިހާ ރައްޔިތުންނަށް އެއްހަމައެއްގައި ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް 2012ވަނަ އަހަރު އާސަންދައިގެ ނަމަށް މިސްކީމް ބަދަލުކޮށްފައެވެ.

ދައުލަތުގެ އެހީގައި ސިއްޙީ ޚިދުމަތްދިނުމަށް ހިންގާ އެންމެ ބޮޑު ހެލްތު އިންޝުއަރެންސް ސްކީމްގެ ދަށުން މިހާތަނަށް 16 ބިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ބޭސްފަރުވާއަށް ހޭދަކޮށްފައެވެ. ސަރުކާރުން އަންނަނީ އާސަންދައިގެ ޚިދުމަތް ދިނުމުގައި ކުރެވޭ އިސްރާފު ކުޑަކޮށް ޚިދުމަތް ދިނުމުގައި ދައުލަތުގެ މާލީ ނިޒާމަށްކުރާ އަސަރު ކުޑަކުރުމަށް އާސަންދަ ދިނުމުގައި ގެންގުޅޭ އުސޫލުތައް މުރާޖާކުރުމުގެ މަސައްކަތް ފަށާފައެވެ.